ކުޅިވަރު

ނިއުރޭޑިއަންޓަށް ބޮޑު ލަދެއް، ގްރީން ސްޓްރީޓަށް ބޮޑު ބޯނަހެއް


ނިއުރޭޑިއަންޓް ލަދުގަންނަވާލާ، ބޮޑު ބޯނަހެއް ހިފައިގެން ވިހި ދުވަހުގެ ބްރޭކަކަށް ގްރީން ސްޓްރީޓް ހިނގައްޖެއެވެ.

ނިއުރޭޑިއަންޓް ބޮޑުކޮށް ލަދު ގަންނުވާލުމަށްފަހު ގްރީން ސްޓްރީޓް ބޮޑު ބޯނަހެއް ހޯދީ އެސްޓީއޯ މާލޭ ލީގު ދެވަނަ ބުރުގައި މިރޭ 3-0 ން ނިއުރޭޑިއަންޓް ބަލިކޮށް، އެޓީމާ ޕޮއިންޓަކަށް ކައިރިއަށް ޖެހިލައިގެންނެވެ. ނިއުރޭޑިއަންޓްގެ މުޙިންމު ތިން ކުޅުންތެރިންނާއި، ގްރީން ސްޓްރީޓްގެވެސް މުޙިއްމު ކުޅުންތެރިއަކާ ނުލާ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގްރީން ސްޓްރީޓުން ދެ ލަނޑު ޖެހިއެވެ. ދެ ލަނޑުވެސް ޑިމިޓްރޯވް ނަގައިދިން ހުރަހުން ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދެވެ. ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްގެ ސާއިފަށް ދެވަނަ ރީނދޫ ކާރޑާއެކު ރަތް ކާޑް ދެއްކުމުން ނިއުއިން ނަތީޖާ އަނބުރާލަފާނެކަމަށް ބެލެވުނު ނަމަވެސް، ގްރީން ސްޓްރީޓުން އެފުރުޞަތެއް ނުދެއެވެ. ދިފާއުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާ ސާއިފަށް ރަތްކާޑް ދެއްކުމުން ޒުވާން ކުޅުންތެރިޔާ އަހުމަދު ހަސީބު ކުޅެން ނެރެ، ގްރީން ސްޓްރީޓުން ވަނީ ގޯލަށް ބާރުބޮޑުވިޔަ ނުދީ ހިފަހައްޓާފައެވެ. ތަޖުރިބާކާރު ދެކުޅުންތެރިން ކަމަށްވާ ފަރުހާދު އިސްމާއީލްއާއި މުޙައްމަދު ޝައްފާޒު ވަނީ ގްރީން ސްޓްރީޓްގެ ދިފާއުގައި މުޙިއްމު ދައުރެއް އަދާކޮށްފައެވެ. އަދި ނިއުގެ ފަހަތަށް ކުޅެމުންދިޔަ މާކޮވިޗްވެސް ކުރިއަށް ލައިގެން ކުޅެމުން ދަނިކޮށް އުފެއްދި ކައުންޓަރ އެޓޭކްގައި އަހުމަދު ހަސަން ގްރީން ސްޓްރީޓަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ނިއުރޭޑިއަންޓް ލަދު ގަންނުވާލިއެވެ.

ގްރީން ސްޓްރީޓްގެ އެއް ކުޅުންތެރިއަކު މަދުވުމުންވެސް ނިއުގެ ކުޅުންތެރިންނަށް ރަނގަޅު އެޓޭކް ތަކެއް ނުއުފެއްދެއެވެ. އަދި ފުރުޞަތުތަކެއްވެސް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ދެ އަރިމަތިން އަލީ ފާސިރާއި، ހަމްޒާ މުޙައްމަދު ފޮނުވާލި ބޯޅަ ފިޔަވައި އިތުރު ބޯޅައެއްގައި ގްރީން ސްޓްރީޓް ކީޕަރު އަތްލާކަށް ނުޖެހުނެވެ. ނަމަވެސް މެޗަށްފަހު ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭޒް ބުނީ ދެވަނަ ހާފްގައި ފުރުޞަތުތައް ލިބުނު ކަމަށާއި، ބޭނުން ނުކުރެވުނީ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަ ކުރާކަމަށާއި، ފުޓްބޯޅަ އަކީ މިއީ ކަމަށެވެ. ސީޒަނަށް އެންމެ ބޮޑު ހޭދައެއް ކުރި ޓީމްކަމަށް ބެލެވޭ ނިއުރޭޑިއަންޓްގެ ކޯޗު ތަކުރާރުކޮށް ބުނީ މިއީ ފުޓްބޯޅަ ކަމަށެވެ. އަދި ސަސްޕެންޝަންގައި ތިބި ކުޅުންތެރިން ނެތުމުގެ ވާހަކައާއި، ދަނޑުގެ ހާލަތުވެސް ކޯޗު ފާހަގަކުރިއެވެ. 

" ދަނޑުގެ ހާލަތު ރަނގަޅެއްނޫން. ނަމަވެސް އެކަން ދެޓީމަށްވެސް އޮންނާނެ. މަތިން ކުޅުނީވެސް ދަނޑުގެ ހާލަތު ރަނގަޅު ނުވުމުން. މާކޮވިޗް ( ފަހަތަށް ކުޅުނު ސެންޓްރަލް ޑިފެންޑަރ ) ކުރިއަށް ލައިގެން ކުޅުނީވެސް މަތިން ދޭ ބޯޅަތައް ވިންކުރަން. ނަމަވެސް އެކަންވެސް ކާމިޔާބެއް ނުވި. ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ " ނިއުރޭޑިއަންޓްގެ ކޯޗު ބުންޏެވެ.

ގްރީން ސްޓްރީޓްގެ ކޯޗު ޞޮބާހު މުޙައްމަދު ބުނީ ޓީސީ މެޗު ނިމުން ހިސާބުން މިމެޗަށް ތައްޔާރުވާން ފަށައިފިކަމަށާއި، ކޮންމެ ދުވަހަކު މެޗުގެ މުޙިންމުކަމުގެ ވާހަކަ ހަނދާންކޮށްދެމުން ދިޔަކަމަށެވެ. މެޗުން މޮޅުވީ އޭނާގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅުންތެރިން ބުރަކޮށް މަސައްކަތް ކޮށްގެންކަމަށާއި، ހުރިހާ ކްރެޑިޓެއް އޮތީ ކުޅުންތެރިންނަށް ކަމަށް ކުރިން ނިއުއަށް ކުޅެ، ކޯޗުކަންވެސް ކޮށްދީފައިވާ ޞޮބާ ބުންޏެވެ.

" ނިއުގަ އެތިބަ ހުރިހާ ކުޅުންތެރިން އަޅުގަނޑަށް އިނގޭ. ކީޕަރު ޒިޔަޒަންއިން ފެށިގެން ޑިފެންޑަރުންނާއި، ކުރިއަށް ކުޅޭ ކުޅުންތެރިންވެސް ވަކިވަކިން އަޅުގަނޑަށް އިނގޭ. އަޅުގަނޑުގެ ތަޖުރިބާގެ އަލީގަ މެޗު ރޭވީ. ހިތްހަމަ ޖެހިލައިގެން މާދަމާ ރޯދަ ހިފާލެވޭނެ. ހިތްހަމަ ޖެހިލައިގެން ނިދާލާ، ކުރިއަށް އޮތް ވިހި ދުވަހު ހިތްހަމަ ޖެހިގެން މާލެ ތެރޭގައި އުޅެލެވޭނެ. " ޤައުމީ ޓީމަށް ފުރުޞަތު ދިނުމަށް ވިހި ދުވަހުގެ ބްރޭކަކަށް ލީގު މެދު ކަނޑާލުމަށް އިޝާރާތްކޮށް ޞޮބާ ބުންޏެވެ. 

މެޗުގެ ކުރިން ޞޮބާ ބުނެފައިވަނީ ނިއުރޭޑިއަންޓް އަތުން ލިބޭ ޕޮއިންޓަކީ އެޓީމަށް ލިބޭ ބޯނަހެއްކަމަށެވެ. ޕޮއިންޓެއްގެ ބަދަލުގައި އެޓީމް އެވަނީ ނިއު އަތުން 3 ޕޮއިންޓް ހޯދާފައެވެ.

މިމޮޅާއެކު ގްރީން ސްޓްރީޓަށް ވަނީ 17 ޕޮއިންޓާއެކު 3 ވަނަ ލިބިފައެވެ. ދެވަނާގައި އޮތް ނިއުރޭޑިއަންޓާއި، ގްރީން ސްޓްރީޓާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަޤެކެވެ. ލީގުގެ ކުޅުން ދެން ފަށާނީ ޖޫން މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. އެމެޗުގައި ވާދަކުރާނީ މާޒިޔާއާއި އީގަލްސްއެވެ.