ޚަބަރު

ފައިނު ދަނޑުތަކުން ރަމަޟާންމަހު ރިކޯޑް ޢަދަދަކަށް ކަރާ ނެރެވޭނެ


ކުރީ އަހަރުތަކާއި ޚިލާފަށް މިފަހަރުގެ ރަމަޟާންމަހު ފައިނުގައި ހައްދާފައިވާ ދަނޑުތަކުން ރިކޯޑް ޢަދަދަކަށް ކަރާ ނެރެވޭނެކަމަށް ފައިނު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ފައިނަކީ ޒަމާނުއްސުރެވެސް ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. މޫސުމީ ދަނޑުވެރިކަން ކުރާ މިރަށުގައި ދަނޑުވެރިކަން ކޮށް އުޅެނީ، އެރަށުގައި އެކަމަށް ޚާއްޞަކުރެވިފައިވާ ދަނޑުބިމުންނެވެ. ދަނޑުވެރިންނަށް ބިން ދޫކުރައްވާ ކަމަށް ދަނޑުތަކުގައި ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. img:http://s1.psmnews.mv/images/660x400/14958148059175.jpg|ފައިނު ކަރާ ދަނޑެއް - ފޮޓޯ: ފައިނު ކައުންސިލް

ފާއިތުވި 5 އަހަރުވެސް ފުޅާ ދާއިރާއެއްގައި އެރަށުގެ ދަނޑުވެރިން ދަނޑުވެރިކަން ކޮށްފައިވާ ކަމަށް ފައިނު ކައުންސިލުން ވިދާޅުވެއެވެ. އަދި ފައިނުގެ ދަނޑުވެރިން މިވަނީ، ކުރީ އަހަރުތަކާއި އަޅައިބަލައި، ދަނޑުވެރިކަމުން އުފައްދާ އުފެއްދުން އިތުރުކޮށް ފުޅާކޮށްފައެވެ. އަދި ދަނޑުވެރިކަމުގެ ސިނާޢަތުގައި ފައިނުން މީގެ ކުރިން ޙިއްޞާކުރަމުންގެންދާ ޢާމްދަނީ އިތުރުކޮށްފައެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ފައިނުގައި 5،000 އަކަފޫޓްގެ 73 ދަނޑު، ދަނޑުވެރިކަން ކުރުމަށް ވަނީ ދޫކޮށްފައެވެ. img:http://s4.psmnews.mv/images/660x400/14958150035956.jpg|ފައިނު ކަރާ ދަނޑެއް - ފޮޓޯ: ފައިނު ކައުންސިލް

ކުރީ އަހަރުތަކާ ޚިލާފަށް، މިފަހަރު އެރަށުގެ ދަނޑުވެރިން އެ މަސައްކަތް ކޮށްފައިވަނީ ދަނޑުވެރިކަމުގެ ހުނަރުތަކާއި، އުކުޅުތަކާ އެކުގައިކަށް ފައިނު ކައުންސިލުން ވިދާޅުވެއެވެ. އަދި ދަނޑުވެރިން، މަސައްކަތް ކުރަމުންގެން ދަނީ އެމީހުން އުފައްދާ ބާވަތްތައް އެރަށުގެ އިތުރުން އެ އަތޮޅާއި ރާއްޖޭގެ އެހެނިހެން ރަށްރަށަށްވެސް ވިއްކުމަށް އަމާޒުކޮށްގެންނެވެ. img:http://s4.psmnews.mv/images/660x400/14958150286940.jpg|ފައިނު ކަރާ ދަނޑެއް - ފޮޓޯ: ފައިނު ކައުންސިލް

ކަރާ، ބަރަބޯ، ކިއުކަންބާ، ބަށި އަދި މިރުސްފަދަ ބާވަތްތައް މިފަހަރުވެސް އެ ރަށުގެ ދަނޑުވެރިން ވަނީ ހައްދާފައެވެ. އަދި މިއާއެކު ދަނޑުތަކުން އުފައްދާ ތަކެތީގެ ޢަދަދުތައް އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

މިފަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން ފައިނުގައި ހައްދާފައިވާ 73 ދަނޑުން ކުރީ އަހަރުތަކާ ޚިލާފަށް ރެކޯޑް އަދަދަކަށް ކަރާ ނެރޭނެކަމަށް އަންދާޒާކުރެވޭކަމަށްވެސް ފައިނު ކައުންސިލުން ވިދާޅުވެއެވެ. ކައުންސިލުން ލަފާކުރާގޮތުގައި 200 ޓަނާ ގާތްކުރާ ޢަދަދަކަށް މިއަހަރުގެ ރަމަޟާންމަހު އެރަށުން ކަރާ ނެރެވޭނެއެވެ. އަދި ފައިނުގެ ދަނޑުވެރިން ހައްދާފައިވާ ކަރާ ދަނޑުތަކުގައި 2 ކިލޯއާއި 12 ކިލޯއާ ދެމެދުގެ ސައިޒުތަކުގެ ކަރާ އެބަހުރިކަމަށް ފައިނު ކައުންސިލުން ވިދާޅުވިއެވެ. އެ ކައުންސިލުން ވިދާޅުވާ ގޮތުގައި މިއަހަރު ހައްދާފައިވާ ކަރާ ދަނޑުތަކުން އެވަރެޖުކޮށް 5 ކިލޯ ހުންނަވަރުގެ ކަރާ ކެނޑޭނެއެވެ. img:http://s2.psmnews.mv/images/660x400/14958150522034.jpg|ފައިނު ކަރާ ދަނޑެއް - ފޮޓޯ: ފައިނު ކައުންސިލް

ފައިނުގެ ދަނޑުވެރިންގެ އެންމެބޮޑު ޝަކުވާއަކީ ދަނޑުވެރިން ހައްދާ ބާވަތްތަކަށް އެކަށީގެންވާ މާކެޓް ނުލިބުމުގެ ޝަކުވާއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި، ތަކެތި ވިއްކުމުގެ މާކެޓް ނުލިބުމުން ގިނަ އަދަދަކަށް ކަރާ ފީވެ ހަލާކުވެފައިވާކަން އެ ރަށު ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެ އިންތިޒާމް ހަމަޖެއްސައިދިނުމަށްޓަކައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ފައިނު ކައުންސިލުން ހާމަކުރައްވައެވެ. img:http://s4.psmnews.mv/images/660x400/14958150696329.jpg|ފައިނު ކަރާ ދަނޑެއް - ފޮޓޯ: ފައިނު ކައުންސިލް