ޚަބަރު

ދިވެހި ބަހުގެ ގަވައިދު ކޮމެޓީ ރަސްމީގޮތުން އިފްތިތާޙް ކޮށްފި





ދިވެހި ބަހުގެ އެކަޑަމީން އެކުލަވާލި ގަވައިދު ކޮމެޓީ ރަސްމީގޮތުން އިފްތިތާޙް ކޮށްފިއެވެ.


ރޭ ދިވެހިބަހުގެ އެކަޑަމީގައި އޮތް މިރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ ޙަސަން ހަމީދުއެވެ.


 
މިރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ ޙަސަން ހަމީދު ވިދާޅުވީ ބަސްބަހުގެ ގަވައިދު ފޮތްތަކަކީ އެހާ އަވަސް އަވަހަށް ހެދޭ އެއްޗެއް ނޫންކަމަށާއި ގަވައިދު ފޮތްތަކަކީ އެއިރެއްގެ ހާލަތަށް ބަލައިގެން ލިޔެފައި ހުންނަ ފޮތްތަކެއްކަމަށެވެ.


 
އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މި ކޮމެޓީއަށް މީހުން ހޮވުމުގައި ވިސްނަވާފައި ވަނީ މިކޮމެޓީގައި ކުރިންވެސް އުޅެފައިވާ ބޭފުޅުންނާއި އިލްމީގޮތުން ރަގަޅު ގާބިލް މީހުން ކަނޑައެޅުމަށް ކަމަށެވެ.


 
އަޝްރަފް ވިދާޅުވީ މި ފެށޭ ހަފްތާއިން ފެށިގެން ކޮމެޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދަވާނެކަމަށެވެ. މި ކޮމެޓީގައި ދިވެހި ބަހުގެ އެކަޑަމީގެ ތެރެއިން ހިމެނިފައިވާނީ ތިންބޭފުޅުން ކަމަށާއި ރަސްމީ ގޮތުން ތިއްބަވާނީ ފަނަރަ ބޭފުޅުން ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ.


 
ދިވެހި ބަހުގެ ގަވައިދު ކޮމެޓީ އިފްތިތާހް ކުރުމުގެ ރަސްމިޔާތުގައި އެކޮމެޓީގެ މެންބަރުންނަށް މެންބަރުކަމުގެ ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ. މިލިޔުން ހަވާލުކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ ހަސަން ހަމީދުއެވެ. އަދި މީގެ އިތުރުން ދިވެހި ބަސް ފޮތް  އޮންލައިން މެދުވެރިކޮށް ބެލޭނެގޮތަށް ފަރުމާކޮށްފައިވާ ރަދީފް ޑޮޓް އެމްވީ (  http://radheef.mv) ވަނީ އިފްތިތާހްކޮށްފައެވެ.


 
 


ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ މި ބަސް ފޮތަކީ ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ފޯރުކޮށްދިން ވަރަށް މަތިވެރި ޚިދުމަތެއްކަމުގައެވެ.