ޚަބަރު

"ލޭބަރ ރިލޭޝަން އޮތޯރިޓީއަށް މައްސަލަ ހުށަހަޅަންޖެހޭ"


ވަޒީފާއާ ބެހޭ މައްސަލަތައް ޙައްލުކުރުމަށް އެންމެ ފުރަތަމަ މަރުޙަލާ ކަޑައްތުކުރަން ޖެހޭނީ ލޭބަރ ރިލޭޝަން އޮތޯރިޓީން ކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ. 

ވަޒީފާއާބެހޭ ޤާނޫނަށް ހޭލުންތެރިކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތްތަކާގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެ އޮތޯރިޓީގެ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ގިނަ މުވައްޒަފުންނަށް އެގިފައި އޮންނަ ގޮތުންނަމަ ވަޒީފާއި ބެހޭ މައްސަލަތައް ހައްލުކުރުމަށް އެންމެ ފުރަތަމަ ކަޑައްތު ކުރަންޖެހޭ މަރުހަލާއަކީ ވަޒީފާއިބެހޭ ޓްރަބިއުނަލްކަމަށެވެ. ނަމަވެސް ހަގީގަތުގައި ވަޒީފާއާބެހޭ މައްސަލަތަކުގެ ބެލެނިވެރި ފަރާތަކީ ލޭބަރ ރިލޭޝަން އޮތޯރިޓީ ކަމަށް ނާފިޒު ވިދާޅުވިއެވެ. 

ފާއިތުވި ދެތިން މަހުގެ ތެރޭގައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ މުވައްޒަފުން މަސައްކަތްކުރާ ތަންތަން ބަލާ ފާސްކޮށްފައެވެ. އެގޮތުން ދުއިސައްތަ ތިރީހަށްވުރެ ގިނަ ތަންތަން ބަލާފާސްކޮށްފައިވާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަން ސެކްޝަންގެ ޑިރެކްޓަރ ފާތުމަތު ޝިފުނާ އަބްދުﷲ ވިދާޅުވިއެވެ.

ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވަނީ ވަޒީފާ ދޭ ފަރާތަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަންކަން އެނގިފައި ނެތުމުންކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. އެ އޮތޯރިޓީގެ އެވެއަރނަސް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް ޝުރުދާ އުސްމާން ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކާ ވަޒީފާ ދޭ ފަރާތްތައްވެސް މިކަންކަމަށް ހޭލުންތެރިކުރުވަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.