ވިޔަފާރި

ގެދޮރު ގަތުމަށް ލުއި މާލީ ސްކީމެއް ބީއެމްއެލްއިން ތައާރަފްކޮށްފި


"ހޯމް ޕަރޗޭސް ފައިނޭންސް" ނަމުގައި ގެދޮރު ގަތުމަށް ލުއި މާލީ ސްކީމެއް ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ގޮފިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލްގެ އިސްލާމިކް ގޮފިން ތައާރަފްކުރި މި މާލީ ސްކީމްގެ ދަށުން، ރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުން ފްލެޓް، އެޕަރޓްމަންޓް އަދި ރޯހައުސް ފަދަ ތަންތަން ގަނެވޭނެއެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިސްލާމީ ބެންކިންގ ގެ ޑިރެކްޓަރ ފާތިމަތު މަނިކެ ވިދާޅުވި މި ސްކީމް ފަރުމާކޮށްފައިވަނީ، އިސްލާމީ ޝަރީއާ ހަމަތަކަށް ފެތޭ ގޮތަށްކަމަށެވެ. "ހޯމް ޕަރޗޭސް ފައިނޭންސް" ސްކީމް ނެގުމަށް ބޭނުންވާ ކަސްޓަމަރުންނަށް މާލޭ ކަސްޓަމްސް ސަރަޙައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކް ބްރާންޗުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފާތިމަތު މަނިކެ ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ބީއެމްއެލްގެ އިސްލާމިކް ގޮފިން ވަނީ، ރާއްޖޭގައި މިވަގުތު ދޫކުރާ އެންމެ ކުޑަ ލީސިންގ ރޭޓާ އެކު ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިންގ ފެސިލިޓީސް ތަޢާރަފްކޮށްފައެވެ. ގެދޮރު ޢިމާރާތްކުރުމަށް ފަންޑް ބޭނުންވެފައި ތިބި ގިނަ ޢަދަދެއްގެ ބައެއްގެ ތަރުހީބު މި ޕްރޮޑަކްޓްތަކަށް ލިބެމުންދާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލް އިސްލާމިކް ފަރުމާކޮށްފައިވަނީ، އިސްލާމިކް ބޭންކިންގ އާއިގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ބީއެމްއެލް އިސްލާމިކްއަށް ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ.