ސިޔާސީ

މި ސަރުކާރުން އެއްވެސް އިންތިޚާބަކަށް ނުފޫޒު ފޯރުވާފައިނުވާނެ


ވެރިކަމުގައި ހުންނެވި ދުވަސްވަރު ރާއްޖޭގައި އިންސާފުވެރި އިންތިޚާބެއް ބާއްވާފައި ނުވާކަމަށް ވިދާޅުވެ ކުރީގެ ރައީސުންނަށް ޕީޕީއެމްގެ ނާއިބު ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންގެ ޖަގަހައިގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އަދުލް އިންސާފްގެ ނިޒާމުގައިވެސް އެއްވެސް މިނިވަންކަމެއް ނެތްކަމަށެވެ.

ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާ ޢަބްދުއްރަހީމް ވަނީ ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައީސް ޢަބްދު ﷲ ޔާމީންގެ ސަރުކާރުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ ވާހަކަ މިއަދު ސަރުކާރާ އިދިކޮޅުގައި ތިއްބެވި ކުރީގެ ރައީސުން ވިދާޅުވަމުން ގެންދެވިނަމަވެސް މި ސަރުކާރުން އެއްވެސް އިންތިޚާބަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށެވެ. ދިވެހި ރައްޔިތުން މަޒީއަށް އެނބުރި ބަލާލުމުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާފައިވަނީ ކޮންބައެއްކަން ވަރަށް ރަނގަޅަށް ހާމަވެގެންދާނެ ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރުގެ އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ވާހަކަދައްކަވާފައިވެއެވެ. ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދު ﷲ ޚަލީލް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނާ ފަސާދައިން ފުރިފައިވާ ސަރުކާރެއް ކަމަށް އިދިކޮޅު ޕާޓީތަކުން ވަރަށް އަޑު ހަރުކޮށް ބުނަމުންދާ ކަމަށެވެ. ނަމަވެސް އެ ދެ ކަމަކީ އިދިކޮޅު ފަރާތްތަކަށް، ޚާއްސަ ގޮތެއްގައި އިދިކޮޅު އެމްޑީޕީން ވަރަށް "ދޯޅުވާ" ކަމެއް ކަމަށް ޚަލީލް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަން ޖަލްސާގައި ވާހަކަދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުފަތުރާ ގޮތްތަކަށް ފާޑުވިދާޅުވެފައެވެ. ދާދިފަހުން ޖެނީވާގައި ބޭއްވި އޮސްލޯ ފޯރަމްގައި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅެއް އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާތީ އެފަދަ ވާހަކަތައް މީޑިއާތަކުގައި ރިޕޯޓުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖްލިސް މެމްބަރުންގެ އިތުރުން އާއްމުންވެސް ބައިވެރިވެފައިވެއެވެ.