ޚަބަރު

ފެމިލީ ކޯޓުން ކުރި ޙުކުމަކާއި ގުޅިގެން ފުލުހުން މީހަކު ހޯދަނީ



 
ފަސް މަހުގެ ދަރިފުޅު  މަންމައާއި ހަވާލުކުރުމަށް ފެމިލީ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމަށްޓަކައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
 
ފެމިލީ ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ހޯދަމުން ދަނީ ސ. މަރަދޫ، ކަންމަތީގެ، އަޙްމަދު ޝަރުޢާން (32އ) އެވެ. އަޙްމަދު ޝަރުޢާން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އޭނާގެ 5 މަހުގެ ދަރިފުޅު، 24 ގަޑިއިރުގެ ތެރޭގައި އެ ދަރިފުޅުގެ މަންމައާއި ހަވާލު ކުރުމަށް މި މާރޗް މަހުގެ 10 ވަނަ ދުވަހު ފެމިލީ ކޯޓުން އަޙްމަދު ޝަރުޢާންގެ މައްޗަށް ކޮށްފައިވާ އަމުރާ އޭނާ ޚިލާފްވެފައި ވާތީ 5 މަހުގެ ދަރިފުޅު ހޯދާ އެ ދަރިފުޅުގެ މަންމަ އާ ހަވާލު ކުރުމަށް ފުލުހުންގެ މައްޗަށް ފެމިލީ ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށްޓަކައެވެ.
 
އަޙްމަދު ޝަރުޢާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވާ އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9790163 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.