ޚަބަރު

ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޯސްޓުގާޑުން ކުރައްވައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ދީފައިވާ އިރުޝާދާ އެއްގޮތަށް ދަތުރުވެރިން މަސައްކަތްކުރުމުން ފާއިތުވި ތިން ދުވަހު ކޯސްޓްގާޑަށް ރިޕޯޓްކުރެވިފައިވާ ކަނޑުމަތީގެ ހާދިސާތައް މަދުވެފައިވާކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ. އަދި ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމަށްވާތީ، ދަތުރުތައް ރޭއްވެވުމުގައި އިތުރަށް ސަމާލުކަން ދެއްވުމާއި މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭއްވެވުމަށް ކޯސްޓުގާޑުން އިލްތިމާސް ކުރައްވައެވެ.

މިގޮތުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް ކޯސްޓުގާޑުން އިލްތިމާސް ކުރައްވައެވެ.

އަދި ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށްވެސް ގޯސްޓުގާޑުން އެދިލައްވައެވެ.