ޚަބަރު

ވާވޭ ކުންފުނީގެ ސްމާޓްފޯން، ޕީ ޓެން އަދި ޕީ ޓެން ޕްލަސް ނެރެފި


ވާވޭ ކުންފުނީގެ ސްމާޓްފޯން، ޕީ ޓެން އަދި ޕީ ޓެން ޕްލަސް، އުރީދޫއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ.

ވާވޭގެ ޕީ ޓެން އަދި ޕީ ޓެން ޕްލަސް ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާނެވެ. ވާވޭގެ މި ފޯނުތަކަކީ ފޮޓޯ ނަގާ މީހުންނަށް ޚާއްސަ ފޯނެކެވެ.

ޕީ ޓެން އަދި ޕީ ޓެން ޕްލަސް ފަރުމާކޮށްފައިވަނީ، ޑުއަލް ވިހި މެގަޕިކްސެލް ކެމެރާއެއް ހިމަނައިގެންނެވެ. މި ދެ ފޯނުން ފޮޓޯ ނެގުމަށް ބޭނުންކުރާ ޚާއްސަ ފީޗަރތަކުގެ ތެރޭގައި ތްރީޑީ ފޭޝަލް ޑިޓެކްޝަން، ޑައިނަމިކް އިލޫޝަންތައް، އަދި ނެޗުރަލް ޕޯޓްރެއިޓް އެންހޭންސްމެންޓް ހިމެނެއެވެ. tw:https://twitter.com/OoredooMaldives/status/867049078890184704

އުރީދޫން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް މަހުންމަހަށް ފައިސާ ދައްކައިގެން ފޯނު ގަނެވޭނެ އިންތިޒާމެއްވެސް ހަމަޖައްސާފައެވެ.

އުރީދޫއިން ވަނީ ޕީ ޓެން އަދި ޕީ ޓެން ޕްލަސް ގަންނަ ކަސްޓަމަރުންނަށް ޚާއްސަ ޕެކޭޖްތަކެއްވެސް ތަޢާރަފްކޮށްފައެވެ. އުރީދޫ މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި މާދަމައިން ފެށިގެން އުރީދޫ އެކްސްޕީރިއަންސް ސެންޓަރ މާލެ އަދި ހުޅުމާލެއިން ޕީ ޓެން އަދި ޕީ ޓެން ޕްލަސް ވިއްކަމުންދާނެއެވެ.