ކުޅިވަރު

ޤައުމީ ފުޓްބޯޅަ ޓީމްތައް، ޤައުމީ ބޭންކުން ސްޕޮންސަރކޮށްފި


ޤައުމީ ބޭންކުން ޤައުމީ ފުޓްބޯޅަ ޓީމްތައް ސްޕޮންސަރކޮށްފިއެވެ.

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން މިއަދު އެފްއޭއެމްއާއެކު ސޮއިކުރެއްވީ ދެ އަހަރުގެ މުއްދަތަށް ޤައުމީ ފުޓްބޯޅަ ޓީމްތައް ސްޕޮންސަރކުރެއްވުމަށެވެ. މިއަދު އޮތް ސްޕޮންސަރ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ޓީމްތަކުގެ ޖަރޒީވެސް ވަނީ ދައްކާލާފައެވެ. ސޮއިކުރެއްވުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޤައުމީ ބޭންކްގެ ލޯގޯ މޭމަތީގައި ޖަހައިގެން ޤައުމީ ޓީމްތައް ދަތުރުކޮށް ރަނގަޅު ކާމިޔާބީތައް ހޯދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ބޭންކުން އަބަދުވެސް ޤައުމީ ޓީމަށް، ފުޓްބޯޅައަށް އެހީތެރިވެދެއްވާކަމަށާއި، އެކަންކަން އަބަދުވެސް ފާހަގަކުރައްވާކަމަށް ވިދާޅުވިއެވެ. އަންނަ އަހަރު ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް އަތޮޅު ތެރޭގައިވެސް މެޗުތައް ކުޅޭނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އެގޮތުން ތަމްރީން ހޯދުމުގެ ޕްރެކްޓިސް މެޗުތައް އަތޮޅު ޓީމްތަކާއެކު ކުޅޭނެކަން ބައްސާމް އިއުލާންކުރެއްވިއެވެ.

" މިއަދު އަޅުގަނޑު ވަރަށް ޚާއްޞަ އެހެންކަމެއްވެސް އިއުލާންކޮށްލާނަން. އަންނަ އަހަރުން ފެށިގެން ޤައުމީ ޓީމް އަތޮޅު ތެރޭގައި މެޗުތައް ކުޅޭނެ. ކޮންމެ އަހަރަކު ހަ މެޗު ވަރު އަތޮޅު ތެރޭގައި ކުޅޭނެ. އެމެޗުތައް ކުޅޭނީ ޤައުމީ ޓީމާ އަތޮޅުން ހޮވާލެވޭ ޓީމާ. އަންނަ އަހަރުގެ ޖެނުއަރީ މަހު އިރާދަކުރެއްވިއްޔާ އެކަން ފެށޭނެ " ބައްސާމް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ޤައުމީ ބޭންކުން ކުޅިވަރަށް، ކުޅިވަރު ކުރިއެރުވުމަށް އަބަދުވެސް އެހީތެރިވާ ކަމަށާއި، ނަމަވެސް ފުޓްބޯޅައަށް އެހީވުމަކީ ޚާއްޞަ އުފަލެއްކަމަށެވެ ފުޓްބޯޅައަކީ ދިވެހިންގެ އެންމެ މަޤްބޫލް ކުޅިވަރުކަން ފާހަގަކުރައްވަމުން އެންޑްރޫ ވިދާޅުވީ ޤައުމީ ޓީމްތައް ސްޕޮންސަރ ކުރެއްވުމަކީ ޚާއްޞަ އުފަލެއްކަމަށެވެ. މިސްޕޮންސަރޝިޕް އެއްބަސްވުމުގެ ދަށުން ބޭންކުން ވަނީ އެފްއޭއެމްއަށް ޓްރެވަލް ކާޑެއް ހަވާލުކުރައްވާފައެވެ. އެންޑްރޫ ވިދާޅުވީ ޤައުމީ ޓީމްތައް ބޭރަށް ދަތުރުކުރާއިރު ކޮންމެ ކުޅުންތެރިއަކަށް އަދި އޮފިޝަލަކަށްވެސް ބޭންކުން ޓްރެވަލް ކާރޑެއް ދޭނެކަމަށެވެ.

" ބޭންކުން އަބަދުވެސް ކުޅިވަރަށް، ކުޅިވަރު ކުރިއަރުވަން އެހީވަން. ނަމަވެސް ފުޓްބޯޅައަކީ ދިވެހިންގެ އެންމެ މަޤްބޫލް ކުޅިވަރަށްވުމުން ޤައުމީ ޓީމް ސްޕޮންސަރ ކުރުމުގެ މިއެއްބަސްވުމަކީ ޚާއްޞަ އުފަލެއް. ޓީމްތައް ބޭރަށް ދަތުރުކުރާއިރު ބޭންކުން ކުޅުންތެރިންނަށް ޓްރެވަލް ކާރޑެއް ދޭނެ" އެންޑްރޫ ވިދާޅުވިއެވެ.