ސިޔާސީ

އީސީގެ މެންބަރު ކަމަށް އައްޔަންކުރުމަށް 4 ބޭފުޅެއްގެ ނަން މަޖިލީހަށް





 


ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމާއެކު އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ދެ މެމްބަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.


 
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އަށާރަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންނަކީ ދަފްތަރު ނަންބަރު 1548 މުޙައްމަދު ޒާހިދާ، މ.ވޭވަށު ބުލްބުލާގެ މުޙައްމަދު ޝަކީލާ،އަދި ހުޅުމާލެ އެންދެރި-7 އަޙްމަދު ސުލައިމާންގެ އިތުރުން އދ.މަހިބަދޫ ސަނޫރާމާގެ އައިޝަތު މުނާގެ ނަމެވެ.


 
މުއާޒް ވިދާޅުވީ އެ ހަތަރު ބޭފުޅުންގެ ނަންފުޅުގެ އިތުރުން ބާކީ ތިއްބެވި ސާދަ ބޭފުޅުންގެ ނަންވެސް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ހިމަނުއްވާފައިވާ ކަމަށެވެ.


 
 


އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ދެ މަޤާމް ހުސްވެފައިވަނީ ކުރިން އެކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ފުއާދު ތައުފިގާއި، ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ފަޔާޒް ހުސައިންގެ މެމްބަރުކަމުގެ ސައްހަކަން ގެއްލި އެ ދެބޭފުޅުން ކޮމިޝަނުން ވަކިވެފައިވާ ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކުރުމުންނެވެ.