ޚަބަރު

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ޚާއްސަ ބައްދަލުވުމެއް ފަށައިފި


އިޖުތިމާޢީ ނުރައްކަލުގައިވާ ކުދީންނަށް މަސައްކަތްތެރިކަމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް އަނބުރާ ގެނައުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން، މަޝްވަރާކުރުމަށްޓަކައި ބައްދަލުވުމެއް ފަށްޓަވައިފިއެވެ. 

ޖުވެއިނައިލް ޖަސްޓިސް ޔުނިޓުން އިސްނަގައިގެން ބާއްވަވާ މިބައްދަލުވުން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ ވިދާޅުވީ މުޖްތަމައު ތެރޭގައި ހަވާސާވެވިފައިވާ ކުދިން އަބުރާ މުޖުތަމަޢުތެރެއަށް ގެނެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރ ފާތިމަތު ރޫނާ ވިދާޅުވީ މި މަސައްކަތު ބައްދަލުވުމަކީ އިޖުތިމާޢީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތަޢުލީމާއި، ތަމްރީނާއި، ހުނަރު ދަސްކޮށްދިނުމުގެ އަލްޓަރނޭޓިވް ލާނިންގް ޕްރޮގްރާމްއެއް ޑިވެލޮޕްކުރުމަށް ކުރިއަށްގެންދަވާ ބައްދަލުވުމެއްކަމަށެވެ.

މި ބައްދަލުވުމަކީ ޖުވެއިނައިލް ޖަސްޓިސް ޔުނިޓުން އިސްނަގައިގެން ކަމާބެހޭ 21 ފަރާތަކާއެކު ކުރިއަށްގެންދަވާ ބައްދަލުވުމެކެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީ، ޔުނިސެފް، ޕޮލިސް ސަރވިސް، ހިއުމަން ރައިޓްސް ކޮމިޝަނުން ފަދަ މުއައްސަސާތައް ހިމެނެއެެވެ.