ޚަބަރު

އައްޑޫ ސިޓީއަށް ސަރުކާރުން ވެދެއްވި އެހީއަކީ ނަމޫނާއެއް- ޕީޕީއެމް


އައްޑޫ ސިޓީ ހިތަދުއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ގެތަކާއި، އެގެތަކުގެ ޢާޢިލާތަކަށް އެހީތެރިވެދިނުމުގައި ސަރުކާރުން ވެދެއްވި އަވަސް އެހީތެރިކަމަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން މިފަދަކަމެއްގައި ސަމާލުކަން ނުދޭހާ ބޮޑަށް ސަމާލުކަންދެއްވައިގެން ކުރެއްވި މަސައްކަތެއްކަމަށް ޕީޕީއެމުން ބުނެފިއެވެ. 

އެޕާޓީން މިހެން ބުނީ ޕާޓީގެ އިސް ބައެއް ބޭފުޅުން ހިމެނޭ ޓީމެއް ހިތަދޫއަށް ގޮސް ގެއްލުންވި ފަރާތްތަކާއި ބައްދަލުކުރައްވުމަށްފަހު ޕީ.އެސް.އެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ. އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ގެތަކުގެ ޢާއިލާތަކާއި ސަރުކާރު ހިންގާ މައި ޕާޓީ .ޕީ.ޕީ.އެމުން ބައްދަލުކޮށް އެ އާއިލާތަކުގެ މިހާރުގެ ޙާލަތު ބައްލަވާލައްވާފައެވެ. ޕީ.ޕީ.އެމުން ބުނީ އައްޑޫ ސިޓީން ގެއްލުންވި ފަރާތަކަށް ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށް ރައްޔިތުން ހިތްހަމަޖެހިފައިވާކަމަށެވެ. އަދި ގެއްލުންވި އާއިލާތަކަށް އެހީވުމަށް ޕީ.ޕީ.އެމްގެ ފަރާތުން ސަރުކާރާއި ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަން ބަލަމުންދާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14952639146372.jpg|ނަގޫރޯޅީގައި ގެއްލުންވި އާޝަމްގޭގެ ފުރާޅު ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަނީ - ފޮޓޯ: ޕީއެސްއެމް

ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ، ޕާޓީގެ ޓީމުން މީހުންނާއި ބައްދަލުކޮށް ވާހަކަދައްކާލުމުން ސަރުކާރުން ވެދެއްވި އެހީތެރިކަމާއި، ގެއްލުންވި ތަންތަން ވަރަށް އަވަހަށް މަރާމާތުކޮށްފައިވާތީ އެކަމާ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައިކަމަށެވެ.

ހިތަދޫއަށް ނަގޫރޯޅި އަރައި އެންމެ ބޮޑަށް ގެއްލުންވި 12 ގޭގެވެސް ފުރާޅު އެޅުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި ކަރަންޓް މައްސަލަ ޖެހުނު ގެތަކުގެ ކަރަންޓް މައްސަލަ ހައްލުކޮށް ނިންމާފައިވާކަމަށާއި ބައެއް ކަހަލަ ކުދި ކުދި ކަންކަން އަދިވެސް އެބަހުރިކަމަށް ޕީ.ޕީ.އެމުން ބުންޏެވެ. މީގެ އިތުރުން ހިފާގެން ގުޅޭ ސާމާނު ހަލާކުވި ގެތަކަށް އެ ތަކެތި ހޯދާ ދިނުމުގެ މަސައްކަތް މިހާރުވެސް ފައްޓަވާފައިވާކަމަށެވެ. ޕީ.ޕީ.އެމްގެ ތަރުޖަމާނު އަލީ އާރިފު ވިދާޅުވީ ގިނަ ކަންކަމަށް މިހާރު ހުރީ ހައްލުކުރެވިފައި ކަމަށާއި، ޕީ.ޕީ.އެމަށް ފާހަގަކުރެވުނު ކަންކަން ޙައްލުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާ މަސްވަރާކުރައްވާފައިވާކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިމަހުގެ 18 ވަނަ ދުވަހުގެރޭ އައި ނަގޫރޯޅިއެއް ހިތަދޫ މެދު ސަރަޙައްދަށް އެރުމުގެ ސަބަބުން ގެއްލުވި ހުރިހާ ގެތަކުގެ މަސަކަތްތައްވެސް ނިންމައި ރަމަޟާން މަސް ފެށުމުގެ ކުރިން އެގެތަކަށް މީހުންނަށް ވަދޭވަރު ކުރުމަކީ ސަރުކާރުގެ އަމާޒެވެ.