ޚަބަރު

"އިމްތިޙާނުގެ ނަތީޖާ އިން ހާމަވަނީ ތަޢުލީމީ ދާއިރާ ކުރިއަރުން"


ވޭތުވެދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުން ހޯދި ނަތީޖާ އިން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރާފައިވާ މިންވަރު ހާމަވާގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ވޭތުވެދިޔަ އަހަރު މަތީ ޘާނަވީ ތަޢުލީމު ޙާސިލްކުރި ދަރިވަރުންގެ ތެރެއިން މަތީވަނަތައް ހާޞިލްކުރި ދަރިވަރުންނަށް އެވޯޑްދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ވޭތުވެދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތު  ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް އެކި ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު މި ސަރުކާރުން ޒުވާނުންނަށް ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި މަތީ ޘާނަވީ އިމްތިޙާނުން ތިން މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވާ ދަރިވަރުންނަށް މަތީ ތަޢުލީމު ޙާސިލްކުރުމަށް ލޯނު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ. 

ކޮންމެ ޤައުމެއްގައި ތަޢުލީމު ޙާސިލްކުރި ނަމަވެސް ދިވެހިވަންތަ ދަރިއެއްގެ ސުލޫކާއި ޤައުމީ ލޯބި ދިވެހި ދަރިވަރުންގެ ކިބައިގައި ހުންނަޖެހޭނެކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނި ދަރިވަރުންނަށް ނަޞެޙަތްތެރިވެވަޑައިގެންފައެވެ. 

ނައިބު ރައީސް ގެ ވާހަކަފުޅުގައި މުދައްރިސުންނާއި ބެލެނިވެރިން ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި  މައިންބަފައިން ކުރާ ބުރަ މަސައްކަތް ދަރިން އަބަދުވެސް ބަލައިގަންނަން ޖެހޭނެ ކަމަން ފާހަގަކުރެއްވިއެވެ. 

ވޭތުވެދިޔަ އަހަރު 21 ސްކޫލަކުން 189 ދަރިވަރަކު އެންމެ މަތި ދިހަ ވަނަ ޙާޞިލްކޮށްފައިވެއެވެ. އެއީ އަތޮޅުތަކުގެ ސްކުލްތަކުން 43 ދަރިވަރުންނާއި މާލޭގެ ސްކޫލްތަކުން 146 ދަރިވަރުންނެވެ.