ޚަބަރު

ރިޔާދު ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި


ސައުދީ ޢަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ.

މި ސަމިޓަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ތެރެއިން ފަންސާހަށްވުރެ ގިނަ ޤައުމުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.

ސަމިޓްގެ ރޭގެ ދަންފަޅީގައި ތަޤުރީރުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން، ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، އުރުދުންގެ ރަސްގެފާނު ޢަބްދު ﷲ އަލް ޙުސައިންއާއި، މިސްރުގެ ރައީސް ޢަބްދުލް ފާއްތާޙް އަލްސީސީ އާއި، އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއި ކުވައިތުގެ އަމީރު ޝައިޚް ސަބަޙް އަލް އަހްމަދު އަލް ޖާބިރް އަލް ސަބާޙް އާއި، މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުއެވެ.

މި ސަމިޓްގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމްވެސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.