ސިޔާސީ

އީސީ، ޖޭއެސްސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި





 


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހުރިހާ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރު ކުރުމަށް އެކޮމެޓީން ނިންމައިފިއެވެ.


 
އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އެ ކޮމިޝަނުން ވަކިކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވަނީ ފުއާދު ތައުފީގާއި އަހުމަދު ފަޔާޒް ހަސަން ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންން މިއަދު، އެއްގަޑި ތިރީހަށް އެ ކޮމެޓީއަށް ހާޒިރުކުރުމަށާއި ދެގަޑި ސުންމިނެޓުން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން  ވަކިވަކިން ހާޒިރުކުރުމަށެވެ. މިކޮމެޓީގައި ބައިވެރިވި އެމް.ޑީ.ޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެމެމްބަރުން ވިދާޅުވަމުން ދިޔައީ އެހުކުމަކީ ގާނޫނާ ޚިލާފަށް ކުރި ހުކުމެއް ކަމަށެވެ. އެގޮތުން ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްވެސް މަގާމުން ވަކިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ނުދެކޭ ކަމަށެވެ.


 
މިބައްދަލުވުމުގައި ބައިވެރިވި ހަމައެކަނި ސަރުކާރަށް ތާއީދުކުރައްވާ ވައިކަރަދޫ ދާއިރާގެ މަންބަރު އަލީ އާރިފް ވިދާޅުވީ،އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އެ ކޮމިޝަނުން ވަކިކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބާއްވަން ނިންމި ނިންމުމަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް، ޕްރޮސެކިއުޓަރ ޖެނަރަލް އައްޔަން ކުރުމާއި އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރު ހޮވުމަށް އެކޮމެޓީން މަސައްކަތް ނުކުރާކަން އާރިފް ފާހަގަކުރެއްވިއެވެ.