ކަނޑު އުޅަނދުފަހަރު އިންޝުއަރެންސް ކުރުން އިހްތިޔާރީ ކަމެއްގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސަވައިފިއެވެ.
 
މިކަމާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ، ކަނޑުދަތުރު ކުރުމުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ޤަވާއިދުގައި ކޮންމެ އުޅަނދެއް އިންޝުއަރެންސް ކުރުން މަޖުބޫރުކަމެއްގެ ގޮތުގައި އޮތްއޮތުން މިހާރު އިހްތިޔާރީ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.
 
މިގޮތަށް ހަމަޖެއްސުމުން ކަނޑުގައި ދުއްވާ އުޅަނދުފަހަރުތަކުގެ ވެރިފަރާތްތަކަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވާއިދުތައް މުރާޖައާކޮށް ދިރާސާކުރުމުގެ މަސައްކަތްް  ކުރައްވަމުން އަންނަކަމަށް މަހުދީ ވިދާޅުވިއެވެ.
 
" ސަރުކާރުގެ ސިޔާސަތަކީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޢާއްމު ރައްޔިތުންނަށް ދަތިވާގޮތައް ހުރި ކަންތައްތައް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުން " މަހުދީ އިމާދު ވިދާޅުވިއެވެ. 
 
ކަނޑުދަތުރު ކުރާ އުޅަނދުތައް އިންޝުއަރެންސް ކުރުން މަޖުބޫރު ކަމެއްގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސަވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ. ޓްރާންސްޕޯޓް އޮތޯރިޓީން މީގެ ކުރިން ނިންމަވާފައިވާގޮތުން، މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ކަނޑުއުޅަނދުތައް އިންޝުއަރެންސް ކުރުން ލާޒިމްވާނެއެވެ.