ޚަބަރު

ސިވިލްކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ޢަދަދު ދަށްކުރެވިއްޖެ


މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ނިމުނުއިރު ސިވިލް ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 8 މަހަށްވުރެ ގިނަދުވަސްވީ މައްސަލަތަކުގެ ޢަދަދު 40 އަށް މަދުކުރެވިފައިވާކަމަށް ސިވިލް ކޯޓުން ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓުން ގެންދަވަނީ އަހަރުގެ ކޮންމެ ކުއާޓަރއަކަށް ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅުއްވައިގެން އެ ލަނޑުދަނޑިތަކަށް ވާޞިލުވެވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ. ސިވިލްކޯޓަށް ހުށައެޅި ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމެވުމާއި، އެކޯޓަށް ހުށައެޅޭ މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމެވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 2016 ވަނައަހަރުގެ ނިޔަލަށް އެކޯޓުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ދަށްކުރެވިފައިވާ ކަމަށް ސިވިލް ކޯޓުން ހާމަކުރައްވައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް ސިވިލް ކޯޓުން އަމާޒު ކަނޑައަޅުއްވާފައިވަނީ އެކޯޓަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށެވެ. ސިވިލް ކޯޓުން މިއަހަރަށް ކަނޑައަޅުއްވާފައިވާ އަމާޒަކީ މިއަހަރު ނިމޭއިރު 6 މަސްދުވަހަށްވުރެ ގިނަދުވަސްވެފައިވޭ ހުރިހާ މައްސަލަތައް ނިންމެވުމެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް 8 މަސް ދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށް އަމާޒުކަނޑައަޅުއްވައި، ފުރަތަމަ ކުއާޓަރ ނިމުނުއިރު 8 މަހަށްވުރެ ގިނަދުވަސްވެފައިވާ 40 މައްސަލައެއް ފިޔަވައި އެހެން ހުރިހާ މައްސަލަތައް ނިންމަވާފައިވާކަމަށް ސިވިލް ކޯޓުން ވިދާޅުވެއެވެ. އަދި ފުރަތަމަ ފިޔަވަހީގެ ޢަމާޒަށް ވާސިލްވެވިފައި ނުވަނީ ރާއްޖޭގައި ފެތުރުނު އެޗްވަންއެންވަން ރޯގާގެ ސަބަބުން ކުރިމަތިވި ދަތިތަކާއި، މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ސިވިލް ކޯޓްގެ ޢިމާރާތަށް ގެއްލުން ލިބި ޝަރީޢަތްތައް މެދުކަނޑާލަން ޖެހިވަޑައިގަތުމުގެ ސަބަބުންކަމަށް ސިވިލް ކޯޓުން ވިދާޅުވެއެވެ.

ސިވިލް ކޯޓުން މިއަހަރުގެ ދެވަނަ 4 މަސްދުވަހަށް އަމާޒު ކަނޑައަޅުއްވާފައިވަނީ 6 މަސްދުވަހަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލަތައް ނިންމެވުމަށެވެ. 2016 ވަނައަހަރުގެ ތެރޭގައި ސިވިލްކޯޓަށް 2732 މައްސަލަވަނީ ހުށައަޅާފައެވެ. މި މައްސަލަތަކުގެ ތެރެއިން 76 އިންސައްތަ އެއަހަރުގެ ތެރޭގައި ވަނީ ނިންމަވާފައެވެ.

މިއަހަރު ފެށުނީއްސުރެ މެއިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1436 މައްސަލަ އެކޯޓަށް ހުށައެޅިފައިވެއެވެ. އަދި މިމުއްދަތުގައި 961 މައްސަލަ އެކޯޓުން ނިންމަވާފައިވެއެވެ.

ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، މައްސަލަތައް ނިންމެވުން އަވަސްކުރެއްވުމަށް، ޝަރުޢީ ކޯޓްތަކުގެ ބެލެނިވެރި ފަރާތް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން ދަށުކޯޓުތަކުން ނިންމަވާ ނިންމެވުންތައް އިސްތިޢުނާފަށް ހުށައަޅުއްވަންޖެހޭ މުއްދަތުވަނީ ކުޑަކުރައްވައިފައެވެ. ޚާއްޞަގޮތެއްގައި ޝަރުޢީ ކޯޓުތަކަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމެވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަޅުއްވައިފައެވެ.