ކުޅިވަރު

އޭވީސީ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކަށް ކުނޑި ސަލީމް ފުރައިފި


އޭޝިޔަން ސެންޓްރަލް ޒޯން ކޮލިފިކޭޝަންގެ ދެވަނަ ބުރުގައި ރެފްރީކަން ކުރުމަށް އިންޓަރނޭޝަނަލް ވޮލީ ބޯޅަ ރެފްރީ އަހުމަދު ސަލީމް (ކުނޑި ސަލީމް ) ކިރްގިސްތާނަށް ފުރައިފިއެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ބޯލް ވޯލްޑް ޗެންޕިއަންޝިޕްގެ ދެވަނަ ބުރުގެ ކޮލިފައިން މެޗުތަކުގެ ރެފްރީކަން ކުރުމުގެ ފުރުޞަތު ލިބުމުން އަހުމަދު ސަލީމް ބުނީ މިއީ ރެފްރީއެއްގެ ހައިސިއްޔަތުން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ރާއްޖޭގެ ރެފްރީންނަށްވެސް އެންމެ މަތީ ފެންވަރުގެ މުބާރާތްތަކުގައި ރެފްރީކަން ކުރެވިދާނެކަން މިކަމުން ދައްކުވައިދޭކަމަށް ތަޖުރިބާކާރު ރެފްރީ ބުނެފިއެވެ. 

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. ސަލީމް އެކަންޏެއްނޫން، އެހެން ރެފްރީންނަށްވެސް، މިފަދަ އަދި ކިތަންމެ ފުރުސަތެއްވެސް ލިބޭނެ. އޭގެ އެންމެ ރަނގަޅު ބޭނުން ހިފަންޖެހޭނީ. ރެފްރީކަން ކުރުމުގެ ފުރުސަތު ލިބެނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރެފްރީކަން ކޮށްފައިވާ މިންވަރަށް ވަރަށް ބޮޑަށް ބަލާފަ. އުއްމީދަކީ ދެވަނަ ބުރާއި، ފައިނަލް ބުރުގައިވެސް ރެފްރީން ކަން ކުރުމުގެ ފުރުސަތު ލިބުން". ރެފްރީ ސަލީމް ބުންޏެވެ.

މިއީ ރާއްޖޭގެ ރެފްރީއެއް އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަންގެ 2ވަނަ ބުރުގައި ރެފްރީކަން ކުރާ ފުރަތަމަ ފަހަރެވެ. އަދި އިންޓަރނޭޝަނަލް މުބާރާތުގައި ރާއްޖޭ ތަމްސީލް ނުކޮށް، ރެފްރީކަން ކުރުމަށް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ރެފްރީއަކަށް މިފަދަ ފުރުސަތެއް ލިބުމާ ގުޅިގެން މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ އެސޯސިއޭޝަނުން ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ. ރެފްރީންނަށް ރާއްޖެއިން ބޭރުގައި ރެފްރީކަން ކުރުމަށް އަދިވެސް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ވޮލީ ބޯލް އެސޯސިއޭޝަނުން މަސައްކަތް ކުރަމުންދާކަމަށާއި، ރެފްރީންގެ ފެންވަރު މަތިވެގެން ދިއުމަކީ ރާއްޖޭގެ ވޮލީއަށްވެސް ފައިދާ ކުރާނެކަމެއްކަމަށް ލަތީފް ވިދާޅުވިއެވެ. ކިރްގިސްތާންގައި އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 23 ން 29 އަށެވެ