ކުޅިވަރު

ޒުވާން ޓީޓީ ޓީމް 3 ލޯ މެޑަލް ހޯދައިފި


ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިން ސައުތް އޭޝިޔަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިފިއެވެ.

ސަރީލަންކާގައި މިހާރު ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އަންހެން ކެޑޭޓް ޓީމް ވަނީ ޕާކިސްތާން 3-0 ން ބަލިކޮށް ލޯ މެޑަލް ހޯދާފައެވެ. އަދި ޓީމް އިވެންޓްގައިވެސް ރާއްޖޭގެ އަންހެން ޓީމް ވަނީ ޕާކިސްތާން 3-0 ން ބަލިކޮށް ލޯ މެޑަލް ހޯދާފައެވެ. ނަމަވެސް ފިރިހެން ކެޑޭޓް ޓީމް ވަނީ ޓީމް އިވެންޓް މެޗުތަކުން ބަލިވެފައެވެ. މީގެއިތުރުން ޖޫނިއަރ އަންހެން ޑަބަލ؛ްސް އިވެންޓްގައި ވާދަކޮށް ރަފާއާއި ލައިސާ ފަތުހުﷲ އިސްމާއީލް ވަނީ ލޯ މެޑަލް ހޯދާފައެވެ.

ޖޫނިއަރ އަންހެން ބައިގަ ވާދަކޮށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ސްރީލަންކާ އަދި އިންޑިޔާ ކުޅުންތެރިޔާ އަތުން ބަލިވި ނަމަވެސް ޕާކިސްތާން ކުޅުންތެރިޔާ ބަލިކޮށް، ކްއާޓަރ ފައިނަލަށް ދަތުރުކުރިއެވެ. މަލީޝާވެސް ވަނީ ޕާކިސްތާން ކުޅުންތެރިޔާ ބަލިކޮށް ކްއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.