ޚަބަރު

ހެލްތް މިނިސްޓަރ ވޯލްޑް ހެލްތު އެސެމްބްލީއަށް ފުރާވަޑައިގެންފި


ސްވިޓްޒަލޭންޑްގައި ބާއްވަވާ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ރާއްޖޭގެ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ސުވިޓްޒަލެންޑަށް މިއަދު ފުރާވަޑައިގެންފިއެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ ބާވީހުން އެއްތިރީހަށް ސުވިޓްޒަލެންޑުގެ ޖެނީވާގައެވެ.

ވޯލްޑް ހެލްތު އެސެމްބްލީއަކީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯއިން އިންތިޒާމްކޮންގެން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ އެސެމްބްލީއެކެވެ. މިއެސެމްބްލީގައި ޑަބްލިޔު.އެޗް.އޯގެ ހުރިހާ މެމްބަރު ޤައުމުތަކުން ބައިވެރިވެއެވެ. މިއެސެމްބްލީގައި ބައިވެރިވުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވެފައިވާ ސިއްޙީ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން މެމްބަރު ޤައުމުތަކުން މަޝްވަރާކުރައްވާނެ ކަމަށެވެ.

"މި އިވެންޓުގެ އެންމެ މުހިންމު މަޤްޞަދަކީ ޑަބް.ލިޔު.އެޗް.އޯ ގެ ކުރިއަށް ހުރި ކަންކަން ރާވާ، ޚާއްސަކޮށް ބަޖެޓާއި ޕްރޮގްރާމްތައް އެކުލަވާލުން އަދި އެއާއި އެކު ދުނިޔޭގައި އެދުވަސްވަރެއްގައި ދިމާވެފައިވާ ސިއްޙީ ބޮޑެތި ކަންކަމާއި މެދު ދުނިޔޭގެ ހުރިހައި ޤައުމުތަކުން ވެސް އެއްބަސްވާ އެއްބަސްވުންތަކެއް އެކަށައެޅުން." މިނިސްޓަރ ވިދާޅުވިއެވެ.

ޑަބްލިޔު.އެޗް.އޯ ގެ ޑިރެކްޓަރ ޖެނެރަލް ހޮވުމަށް މި އެސެމްބްލީގައި ވޯޓުލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި އެސެމްބްލީގެ ތެރެއިން ރާއްޖޭގެ ހެލްތް މިނިސްޓަރ ނާޒިމް އިބްރާހީމް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރގެ ތަޤުރީރުގައި ދެމެހެއްޓެނިވި ތަރައްޤީގައި ދިވެހިރާއްޖޭ ފަދަ ކުދި ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަމަށް ގެންނަވާ، އެކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަވާނެއެވެ. އަދި އެކި ޤައުމުތަކުގެ ހެލްތް މިނިސްޓަރުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވެދެވެން ހުރި އެހީތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ ތެރޭގައި ސައުދީ އާއި ޗައިނާ އަދި މެލޭޝިޔާ ފަދަ ޤައުމުތަކާއި އެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި އެސެމްބްލީގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ކޮންފަރެންސަކީ ރާއްޖެ ފަދަ ޤައުމަކަށް ވަރަށް މުހިންމު ކޮންފަރެންސެއް. އަދި މި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތައް އެނގި އެހީތެރިކަން ލިބިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ޑަބްލިޔު.އެޗް.އޯ އުފެދުނީ 1948 ވަނަ އަހަރުއެވެ. އެ ޖަމްޢިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 52 އަހަރު ވަނީ ފުރިފައެވެ.