ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ 2ވަނަ ބުރުގެ ވޯޓުލުން ކުރިޔަށްދަނީ


ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރަކަށް ދާންޖެހިފައިވަނީ ތ. މަޑިފުއްޓާއި، ށ. ކޮމަންޑު ކައުންސިލްގެއެވެ. އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުމަށްޓަކައި އެ ދެ ރަށުގެ އިތުރުން މާލޭގައިވެސް މި ދެ ދާއިރާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. ށ.ކޮމަންޑޫއާއި، ތ.މަޑިފުށީގެ އިންތިޚާބު ކުރިޔަށްދާއިރު، ކޮމަންޑޫގައި ބަހައްޓާފައިވާ އެއް ފޮށްޓަށް ވޯޓުލުން ފަށާފައިވަނީ، ލަހުންކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ. މަޑިފުށީ ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ، އެކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ. މަޑިފުށީ ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު ބޭއްވެވުމަށް ނިންމެވީ އެބިއުރޯއަށް ހުށައެޅިފައިވާ މައްސަލައަކީ ވޯޓްފޮށި އަލުން ގުނައިގެން ޙައްލުކުރެވޭނެ މައްސަލައަކަށް ނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ. މަޑިފުށީ ކައުންސިލްގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް އެކޮމިޝަނުން ނިންމަވާފައިވަނީ އެރަށު ކައުންސިލް އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިނުވާ މީހަކު ވޯޓްލާފައިވާ ކަމަށް ހުށައެޅިފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.

ށ. ކޮމަންޑޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް 2 ވަނަ ބުރުގެ ވޯޓްލުން ކުރިއަށް ގެންދެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ށ. ކޮމަންޑޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން 3 ވަނައަށް އެންމެ ގިނަ ވޯޓް ލިބިފައިވާ ދެ ކެނޑިޑޭޓުންގެ މެދުގައި ލިބުނު ވޯޓްގެ ޢަދަދު އެއްވަރު ވެފައިވާތީއެވެ.