ޚަބަރު

ގެއްލުން ލިބުނު ގެތައް މަރާމާތުކުރުން ހަލުއި ސްޕީޑްގައި ކުރިއަށް!


އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅި އަރާފައިވަނީ ބުދަދުވަހުގެރޭ ދިހައެއްޖަހަން ކައިރިވެފައިވަނިކޮށެވެ. މިހާދިސާގައި 19 ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވާއިރު، އެންމެ ބޮޑަށް ގެއްލުންވީ އެރަށުގެ މެދު ސަރަޙައްދުގައި ހުރި ފަސް ގެއަކަށެވެ.  

މިގެތަކުގެ ފުރާޅު ނަގޫރޯޅިއާއެކު އެއްލާލާ ކޮޓަރިތަކަށް ފެންވަދެ ގޭގައި ގެންގުޅޭ އަގުބޮޑުތަކެއްޗާއި ފަރުނީޗަރުތައް ވަނީ ހަލާކުވެފައެވެ. އެތައް ދުވަހެއްގެ ބުރަ މިންނެތް މަސައްކަތުން އެއްކުރި މުދަލާއި ތަކެތި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވަނީ ހަލާކުވެގެންގޮސްފައެވެ. ދާދިފަހުން މުޅިން އަލަށް ހެދި ގެތަކަށްވެސް މީގެތެރޭގައި ހިމެނެއެވެ. 

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަމުން މިހާދިސާގައި އެންމެ ބޮޑެތި ގެއްލުންތަކެއްވި ގެތަކުގެ މީހުން ބުނީ ކުއްލިއަކަށް ކުރިމަތިވި މިހާދިސާގައި ލިބުނު ގެއްލުން ވަރަށް ބޮޑުކަމަށެވެ. އެވަގުތު ކުރާނެއެއްވެސް ކަމެއް ނޭނގުނުކަމަށާއި، ބޭރަށް ނުކުކުންނަށްވެސް ނުކެރި ތިބެވުނުކަމަށް ބައެއް މީހުން ބުންޏެވެ.

މިހާދިސާ ހިނގުމާއެކު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އެމީހުންގެ ހާލު ބައްލަވައި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ވަގުތުން މަސައްކަތް ފެށްޓެވުމަށް ސަރުކާރުގެ މުއައްސަސާތަކަށް އަންގަވާފައެވެ. ހަމަ އެވަގުތު ސިފައިންނާއި ފުލުހުންނާއި، ސަރުކާރުގެ ކުންފުނިތަކުން ވަނީ ޙާލުގައި ޖެހުނު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަން ފަށްޓަވާފައެވެ.

އަވަށްޓެރިންނާއި ތިމާގެ މީހުންގެ އެހީތެރިކަންވެސް ބައެއް ޢާއިލާތަކަށް ލިބުނެވެ. ހިތަދޫއަށް ދިމާވި މިހާދިސާގައި އެރަށުގެ ބައެއް ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ފަރާތުން އެރަށަށް ޚާއްސަ ވަފުދެއް ފޮނުވާފައެވެ. މިވަފުދުގައި އިސްކޮށް ހުންނެވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރުއެވެ.

ޑިފެންސް މިނިސްޓަރާއި، ވަފުދުގައި ހިމެނޭ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސްބޭފުޅުން ވަނީ ގެއްލުންވި ގެތަކަށް ޒިޔާރަތްކުރައްވައި ލިބުނު ގެއްލުންތައް ބައްލަވައި، އަސާސީ ކަންކަން ބޭނުންވި ޢާއިލާތަކަށް އެހީތެރިވެދެއްވާފައެވެ. އަދި ވަގުތުން ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައި އެންމެ ބޮޑަށް ގެއްލުންވި ގެތައް މަރާމާތުކުރުމުގެ މަސައްކަތް ވަގުތުންވަނީ ފަށްޓަވާފައެވެ. ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަމުން ގެއްލުން ލިބުނުގެތަކުގެ ވެރިން ބުނީ އެމީހުންނަށް ވަރަށް އަވަހަށް އެހީތެރިވާން ފަށާފައިވާކަމަށާއި، ސަރުކާރުން ކުރައްވާ މަސައްކަތާމެދު ހިތްހަމަޖެހޭކަމަށެވެ.

ހިތަދޫގެ ގެތައް މަރާމާތުކުރުމަށް އެކުލަވާލި ޓާސްކުފޯހުގެ ފަރާތުން ވަނީ މެދުކެނޑުމެއްނެތި މަސައްކަތްކޮށް ސައުވީސް ގަޑިއިރުވެސް ނުވަނީސް ބައެއް ގޭގޭގެ ފުރާޅުގައި ޓިނުޖަހައި އެގެތަކަށް މީހުންނަށް ވަދެވޭވަރުކޮށްފައެވެ. ޓާސްކްފޯހުގެ ބެއްލެވުމުގެ ދަށުން ކުރި މިމަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުންވެސް މުހިއްމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިހާދިސާއާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ މިއަދު ވިދާޅުވީ، ގެއްލުންވި ގެތަކަށް އެހީތެރިވުމާއެކު ޢާއްމު ހާލަތަކަށް ގެނައުމަށް މިހާރުވެސް މުހިއްމު މަސައްކަތްތަކެއް ކުރެވެމެންދާކަމަށެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޖަޒީރާ ޤައުމަކަށް ވުމާއެކު އެކި މޫސުން ތަކުގައި ދިމާވާ މިފަދަ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އައްޑޫ ސިޓީގައި ޚާއްސަ މެކޭނިޒަމްތަކެއް ޤާއިމްކުރައްވާނެކަމަށްވެސް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފައެވެ.