ވިޔަފާރި

"ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމުގެ އުއްމީދު ބޮޑު"


ކުރިން ލަފާކުރައްވާފައިވާ ގޮތަށް މިއަހަރުގެ ކުރިއަށް އޮތްތާނގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރާނޭކަމުގެ އުއްމީދު ބޮޑުކަމަށް ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ ކުރިއެރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ކުރިއެރުމާއެކު މިއަހަރުގެ ކުރިއަށް އޮތް ތާނގައިވެސް ރާއްޖޭގެ އިޤްތިޞާދަށް ކުރިން ލަފާކުރިވަރުގެ ކުރިއެރުމެއް އަންނާނޭކަމަށެވެ. ދުނިޔޭގެ އިޤްތިޞާދުގެ ކުރިމަގު އޮތީ ވަރަށް ރަނގަޅަށްކަން ފާހަގަކުރައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ޓޫރިޒަމް ސިނާޢަތުގެ ކުރިއެރުމަށް ބަލައި ކުރިއަށް އޮތް ދުވަސްތަކަކީ ރާއްޖޭގެ އިޤްތިޞާދަށް ފަހި ދުވަސްތަކެއްކަމަށެވެ.

ހުސްވި އަހަރު ރާއްޖޭގެ އިޤްތިޞާދަށް ތިނެއް ޕޮއިންޓް ނުވައެއް އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. ފިނޭންސް މިނިސްޓްރީން ލަފާކުރައްވާފައިވަނީ، މިހިނގާ ދެހާސް ސަތާރަވަނަ އަހަރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުއިވެ، ހަތަރެއް ޕޮއިންޓް ހަތެއް އިންސައްތައިގެ ކުރިއެރުމެއް ލިބޭނޭކަމަށެވެ.