ޚަބަރު

ޑިފެންސް މިނިސްޓަރ އެމެރިކާއަށް ފުރާވަޑައިގެންފި


ދުނިޔޭގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ. 

މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ ސައްބީހުން އެކާވީހަށް އެމެރިކާގެ ހަވާއީގައެވެ. މިޕްރޮގްރާމްގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންތައްތަކުން ރައްކާތެރިވުމަށް ޤައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ޓެރަރިޒަމާއި ކައުންޓަރ ޓެރަރިޒަމް އަދި ސައިބަރ ސެކިއުރިޓީއާއި މަގުފޭރުން ފަދަ ކަންތައް ހުއްޓުވުމަށް ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބައެއް މައްސަލަތައް ޙައްލުކުރުމަށް މި ޕްރޮގްރާމްގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ދަތުރުގެ އެންމެ މުހިންމު އެއް އަމާޒަކީ ދުނިޔޭގެ ޤައުމުތަކުގައި ކުރެވެމުންދާ ތަފާތު މަސައްކަތްތައް ދަނެގަތުމާއި އެކީގައި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ދުނިޔޭގެ އެކި ޤައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކާ އެކުގައި އަޅުގަނޑުމެން ދިވެހިރާއްޖޭގައިވެސް ހައްދުފަހަނައަޅައި ދިއުމާއި އަދި ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ ގޮތުން އިތުރަށް މަޢުލޫމާތު ހޯދުމާއި އަދި ރާއްޖޭގެ ސަލާމަތްތަކާއި ރައްކާތެރިކަމަށްޓަކައި އެހެން ޤައުމުތަކާއި އެކު ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުން." މިނިސްޓަރ ވިދާޅުވިއެވެ. 

މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ރާއްޖެފަދަ ޤައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުން. އަދި މިއިން ލިބޭ ތަޖުރިބާތަކުގެ އަލީގައި ދިވެހިރައްޖޭގެ ޤައުމީ މިނިވަންކަމާއި އިސްތިޤްލާލަށް އަދި އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ދިފާއީ ގޮތުން އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކުގެ އިތުރު މައުލޫމާތު ލިބިގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. އެގޮތުން ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުން ރާއްޖެއިން ނައްތާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ތަޖުރިބާ ޙިއްޞާކުރުމުގެ ބައިނަލްއަޤްވާމީ ސެމިނާރއެއްވެސް ނިމުނު އަހަރު ރާއްޖޭގައި ބާއްވަވާފައިވެއެވެ.