ޚަބަރު

ނަގޫރޯޅީގައި ގެއްލުންވި ގެއެއްގެ ފުރާޅުގައި ޓިނުޖަހައި ނިންމައިފި


އައްޑޫ ސިޓީ ހިތަދުއަށް އެރި ނަގޫރޯޅީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 1 ގެއެއްގެ ފުރާޅުގައި ޓިނުޖަހައި ނިންމައިފިއެވެ. 

ހިތަދޫ ތޯތާޕާރީ އާގޭގެ، ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ނިންމާފައިވާއިރު، މިއަދުގެ ވަގުތެއްގައި އެގޭގެ ކަރަންޓުގެ މަސައްކަތްވެސް ފެނަކަ ކޯޕަރޭޝަނުން ނިންމާނެކަމަށް މަޢުލޫމާތުލިބެއެވެ. 

މިކަންކަމަކީ ސަރުކާރުގެ ޚަރަދުގައި މުޅިންހިލޭ ކޮށްފައިވާ ކަންކަމެވެ. އަދި މިކަންކަމުގެ މަސައްކަތް ކުރަމުންދަނީ ސިފައިންނާއި، ފުލުހުންނާއި، ސަރުކާރުގެ ކުންފުނިތަކުން ގުޅިގެންނެވެ. 

ބުދަ ދުވަހުގެ ރޭ ކުރި ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއްވި އައްޑޫސިޓީގެ 13 ގޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި ގެތަކުގެ މަރާމާތުގެ މަސައްކަތް ރެއިން ފެށިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. 

ސިފައިންނާއި ފުލުހުންނާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓްގެ ބެލުމުގެ ދަށުން މިމަސައްކަތް ހުއްޓާނުލައި ކުރަމުންދާއިރު، ގެއްލުންވި ގެތަކުގެ މީހުންގެ ތެރެއިން ކެއުމާއި ނިދުމުގެ ކަންކަމުގައި ސަރުކާރުގެ އެހީ ބޭނުންވާ ޢާއިލާތަކަށް ސަރުކާރުން ގެންދަވަނީ އެހީތެރިވެދެއްވަމުންނެވެ. އަދި ހިފާގެންގުޅޭ ސާމާނު ހަލާކުވި ގެތަކަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު މެދުވެރިކޮށް އެތަކެތިވެސް ފޯރުކޮށްދެއްވުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ. ރަމަޟާން މަސްފެށުމުގެ ކުރިން ހުރިހާ ގެއެއްގެ މަސައްކަތްވެސް ނިންމައި މީހުންނަށް ދިރިއުޅެވޭވަރު ކޮށްދެއްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.