ވިޔަފާރި

އެމްޓީސީސީން ޚާއްޞަގޮތުން ކުރާ ޢާއްމު ޖަލްސާ ބާއްވައިފި


ސީއެމްޑީއޭގެ އެދުމުގެ މަތިން އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވަނީ، ހޮޓެލް ޖެންގައި ރޭ ބޭއްވި އެކުންފުނީގެ ޚާއްސަގޮތުން ކުރާ އާއްމު ޖަލްސާގައި ކުންފުނީގެ އަސާސީ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ޚާއްސަ ޤަރާރަކުން ފާސްކުރަން ހުށަހެޅުމަށް ނިންމާފައެވެ. އަދި އެމްޓީސީސީގެ ޙިއްޞާގެ މޫނުމަތީ އަގު ދަށްކުރުމަށްފަހު، ކޮންމެ ޙިއްޞާއަކަށް އެއް ޙިއްޞާ ގަތުމަށް ދަޢުވަތު ދީ، ރައިޓްސް އިޝޫއެއް މެދުވެރިކޮށް، ކުންފުނީގެ ޙިއްޞާދާރުންނަށް ޙިއްޞާ ވިއްކުމަށް ހުޅުވާލުމާއި ބެހޭ ޚާއްޞަ ޤަރާރު ފާސްކުރުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ، އެމްޓީސީސީގެ ޑިރެކްޓަރުންގެ ޢަދަދު ދިހައަކަށް އިތުރުކުރުމަށްވެސް ނިންމާފައެވެ. ނަމަވެސް މިއިން އެއްވެސް ހުށަހެޅުމެއް ފާސްކޮށްފައެއްނުވެއެވެ. އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ އެދުމުގެ މަތިންނެވެ. 

ސީއެމްޑީއޭއިން މިކަން މިގޮތަށް ނުކުރުމަށް ލަފާދެއްވާފައިވަނީ، ކޯޕަރޭޓް ގަވަރނަންސް ކޯޑާ ފުށުއަރާ ފަދަ މައްސަލަތަކެއް ހުރުމުންކަމަށްވެސް އެމްޓީސީސީން ބުނެއެވެ. ނަމަވެސް އެމްޓީސީސީން ވަނީ، އެ ކުންފުނީގެ ހިންގާ ޤަވާޢިދަށް ހުށަހަޅާފައިވާ އިސްލާހުތައް ޚާއްސަ ޤަރާރަކުން ފާސްކޮށްފައެވެ. 

އެޖެންޑާގެ މި އައިޓަމް، ޖަލްސާގައި ތަމްސީލްކުރެވުނު ޙިއްސާގެ ތެރެއިން ޚާއްސަ ޤަރާރު ފާސްކުރަން ބޭނުންވާ އަޣުލަބިއްޔަތު ލިބިފައިވުމާއެކު ވަނީ ފާސްވެފައެވެ. އެމްޓީސީސީން ބޭއްވި ޙާއްސަގޮތުން ކުރާ އާއްމު ޖަލްސާއަށް ހާޒިރުވީ 41 ޙިއްސާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 82 ޙިއްސާދާރުން ތަމްސީލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.