ކުޅިވަރު

ތިނަދޫއާއި ފޭދޫ ޗެމްޕިއަންކަން ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ގދ.އަތޮޅުގެ ޗެމްޕިއަންކަން ތިނަދޫ އަދި އައްޑޫ ސިޓީގެ ޗެމްޕިއަންކަން ފޭދޫ ހޯދައިފިއެވެ.

ތިނަދޫ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި މަޑަވެއްޔާއި ވާދަކޮށް 3-0 ން ކުރި ހޯދައިގެންނެވެ. މެޗުގައި ތިނަދޫގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ޖެހީ އިބްރާހީމް ޝަފްރާދުއެވެ. ދެވަނަ ހާފްގައި ދެވަނަ ލަނޑު ޖެހީ ސްޕެއިންގެ ރޮޑްރިގޭޒްއެވެ. ތިންވަނަ ލަނޑުވެސް ޖެހީ ބިދޭސީ ކުޅުންތެރިޔާ އަލައިންއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ތިނަދޫ ހޯދި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. އެޓީމްގައި ސްޕެއިންގެ ދެ ކުޅުންތެރިންނާއި، ލަންކާ ކީޕަރެއް ހިމެނެއެވެ. ޓީމަށް އިރުޝާދުދެނީ ސްޕެއިންގެ ކޯޗެކެވެ.

img:http://s4.psmnews.mv/images/660x400/14951194406330.jpg|އައްޑޫ ސިޓީގެ ޗެމްޕިއަން ފޭދޫ

ފޭދޫ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ހިތަދޫއާއި ވާދަކޮށް ޕެނަލްޓީގައި 5-4 ން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 52 ވަނަ މިނިޓްގައި ކާމިޔާބުކޮށް ހިތަދޫ ޓީމަށް ކުރި ހޯދައިދިނީ ޖިބޯލާއެވެ. ފޭދޫ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ފޭދޫ ޓީމްގެ މުޙިއްމު ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އަސްއަދެވެ.

ޕެނަލްޓީގައި ފޭދޫ ޓީމުން ކާމިޔާބުކުރީ އަހުމަދު ސައީދު (އައްމަޓީ)އާއި މުޚުޠާރު ނަސީރު (ޓޫކިލޯ) އާއި މުޙައްމަދު ޝުޢާއުއާއި، ހަސަން އަސްއަދާއި، އެބޯއެވެ. ހިތަދޫ ޓީމުން ތިން ޕެނަލްޓީ ކާމިޔާބުކުރީ ހަސަން މިފްރާހުއާއި، މުޙައްމަދު ޝުއާއުއާއި މުޙައްމަދު އިންޝާދެވެ.

ދެޓީމަށްވެސް ދެން އޮންނާނީ ޒޯން ޗެމްޕިއަންކަމަށް ވާދަކުރުމެވެ. ދިވެހި ލީގުން ޖާގަ ލިބޭނީ ޒޯން ޗެމްޕިއަނުން ވާދަކޮށް ސެމީއަށްދާ 4 ޓީމަށެވެ.