ސަރުކަރުގެ މަތީ ތައުލީމުގެ ވަޢުދުގެ ތެރެއިން ދެވޭ ލޯނު އެހީ ލިބުނު ދަރިވަރުންނާއި ލިޔުން ހަވާލުކޮށްފިއެވެ.
އަހަރަކު އެއްހާސް ދަރިވަރުންނަށް މަތީ ތައުލީމުގެފުރުސަތު ހުޅުވާލުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމުމުގެ ދަށުން، މިބުރުގައި ލޯނު ދެއްވާފައިވަނީ 438 ދަރިވަރުންނަށެވެ.
ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓާރ ޑރ.އައިޝަތް ޝިހާމްއާއި، ޑިޕާރޓްމެންޓް އޮފް ހަޔާރ އެޑިއުކޭޝަންގެ ޑިރެކްޓާ ޖެނެރަލް ޑރ.ޢަބްދުއްރަޙީމް ޙަސަން އާއި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަައި އެޑިއުކޭޝަން މިނިސްޓާރ ޑރ.އައިޝަތް ޝިހާމް ވިދާޅުވީ މިއީ ޤައުމުގެ ކުރިމަގު ބިނާ ކުރުމަށް ހުޅުވުނު މުހިންމު ފުރުސަތެއް ކަމަށެވެ.
އަދި އިންސާނީ ވަޞީލަތް ތަރައްޤީވެ ފުޅާވެގެން ދިއުމަކީ އުފެންދުންތެރިކަން އިތުރުވެ އިޤްތިސާދު ކުރިއަރައިގެންދާނެ ކަމެއް ކަމަށްވެސް މިނސްޓާރވަނީ ފާހަގަ ކުރައްވާފައެވެ.
މިފަހަރު ހުޅުވާލި ފުރުސަތުތަކުގެ ދަށުން ކަލިނަރީ، އިންޓީރިއާރ ޑިޒައިނިންގ، ޕައިލެޓް އަދި މެރިން ސައިންސް ފަދަ ދާއިރާތެ ކޯސްތަކަށް ވަނީ ލޯނު ދީފައެވެ. އެގޮތުން ކުރިން ރާއްޖެއާއި ސާރކް ގައުމުތަކަށް ދިއުމަށް ހުޅުވާލި ފުރުސަތުތަށް، ތައިލޭންޑާއި، މެލޭޝިއާއާއި ފިލިޕީންސް އަދި ޗައިނާ ފަދަ ޤައުމުތަކަށް ވަނީ ފުޅާ ކޮށްފައެވެ.
މިފަހަރު ލޯނަށް އެދުނު ކުދިންގެ ތެރެއިން އަށްޑިހަ އިންސައްތަ ކުދިންނަށް ވަނީ ލޯނު ލިބިފައެވެ. ސަރުކަރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން މިވީ ތިން އަހަރުގެ ތެރޭގައި ޖުމްލަ ހަތަރުހާސް ތިންސަތޭކަ ދަރިވަރަކަށް ވަނީ މި ސްކީމްގެ ދަށުން ލޯން ދީފައެވެ. އަވަސް މުއްދަތެއްގައި ލޯން ސްކީމްގެ އިތުރު ފުރުސަތުތަކެއް ހުޅުވާލާނެކަމަށް ޑިޕާރޓްމެންޓް އޮފް ހަޔާރ އެޑިއުކޭޝަން އިން މައުލޫމާތުދެއެވެ.