ޚަބަރު

ހިތަދުއަށް އައި ކޮޅިގަނޑެއްގައި ގެއްލުންތަކެއްވެއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދުއަށް އައި ކޮޅިގަނޑެއްގައި އެރަށުގެ ބާރަ ގެއަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ. 

މިރޭ ދިހައެއްޖަހާ އެހާއިރު ހިތަދޫ އަށް އައި ކޮޅިގަނޑުގައި ބައެއް ގެތަކަށް ބޮޑެތި ގެއްލުންވެފައިވާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ސަދަން އޭރިއާއިން ބެލި ބެލުމުން ހިތަދޫގެ 6 ގެއެއްގެ ފުރާޅު އެއލާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ. 

އަދި މީގެ ތެރެއިން 3 ގެއެއްގެ މައްޗަށް ބޮޑު ދެގަހެއް ވެއޓިފައިވާކަމަށާއި، ވެއްޓިފައިވާ ގަސްތައް ނަގައި ފުރާޅުތައް ހެޔޮކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތުލިބެއެވެ. މިމަސައްކަތުގައި ހިތަދޫގައި ހުންނަ ފަޔަރ ސްޓޭޝަނާއި، ސަދަން އޭރިޔާގެ ސިފައިންނާއި ފުލުހުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 

މިކޮޅިގަނޑުގައި އިތުރުގެތަކަށް ގެއްލުންވެފައިވޭތޯ ބެލުމުގެ މަސައްކަތް ސަދަން އޭރިއާގެ ސިފައިން ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. 

މިހާރު ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރާގައި، ދެނުނުގެ އަތޮޅުތަކަށް ދަނީ މިއަދުންފެށިގެން ވިއްސާރަކުރަމުންނެވެ. އެގޮތުން ގދ.އަތޮޅުގެ ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ މިހާރުވެސް ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ. 

ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމައް ސަމާލުވުމައްވެސް ޤައުމީ ދިފާޢީބާރުންވަނީ އިލްތިމާސްކުރައްވާފައެވެ.