ވިޔަފާރި

ކާޑު ވިއްކޭނެ އެންމެ މަތީ އަގުތައް ކަނޑައަޅުއްވައިފި


ކާޑުގެ ބާވަތްތައް ވިއްކާނެ އެންމެ މަތީ އަގުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކާޑުގެ ބާވަތްތަކަށް ކޮންޓްރޯލް އަގެއް ކަނޑައެޅުއްވީ މިދިޔަ މަހުގެ 23ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގަށް ގެންނެވި ބަދަލާއި ގުޅިގެންކަމަށެވެ.

ކާޑުގެ އަގުތައް ގެންނެވި ކޮންޓްރޯލް ބަދަލާއި ގުޅިގެން ޒޯން އެކެއްގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 7 ރުފިޔާ 78 ލާރިއެވެ. ހަކުރު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 7 ރުފިޔާ 82 ލާރިއެވެ. އަދި އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 6 ރުފިޔާ 28 ލާރިއެވެ.

ޒޯން ދޭއްގައި ހިމެނޭ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 7 ރުފިޔާ 58 ލާރިއެވެ. ހަކުރު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 7 ރުފިޔާ 62 ލާރިއެވެ. އަދި އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 6 ރުފިޔާ 8 ލާރިއެވެ.

ޒޯން ތިނެއްގައި ހިމެނޭ ލ، ގއ، ގދ، ޏ، އަދި އައްޑޫ ސިޓީގެ ރަށްތަކުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 7 ރުފިޔާ 97 ލާރިއެވެ. ހަކުރު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 8 ރުފިޔާ 1 ލާރިއެވެ. އަދި އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 6 ރުފިޔާ 48 ލާރިއެވެ.

ކާޑުގެ ބާވަތްތަކުން ޒޯންތަކަށް ކޮންޓްރޯލް އަގު ކަނޑައަޅުއްވާފައިވަނީ މަޖޫރީ، ނާލު އަދި އެހެނިހެން ޚަރަދުތައް ހިމަނައިގެނެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީން ކަނޑައެޅުއްވި އަގަށްވުރެ ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއްކަމަށެވެ.

މިދިޔަމަހު އެސްޓިއޯއިން ކާޑުގެ އަގަށް ގެނައި ބަދަލާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އެކުންފުނީގެ ފިހާރަތަކުން އާދައިގެ ހަނދޫ، އަދި ހަކުރު ވިއްކާ އަގު ވަނީ 15 އިންސައްތަ ހެޔޮކޮށްފައެވެ. އާދައިގެ ގޮދަންފުށް ވިއްކާ އަގު ވަނީ 12 އިންސައްތަ ހެޔޮކުރައްވާފައެވެ.