ވިޔަފާރި

އެމްއެމްއޭގެ ޖެނެރަލް ރިޒާވް 302 މިލިއަން ރުފިޔާއަށް އަރައިފި


ހުސްވި އޭޕްރީލްމަސް ނިމުނުއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ޖެނަރަލް ރިޒާވް 302 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

މަރުކަޒީ ބޭންކުން ނެރުއްވި އޭޕްރީލްމަހުގެ ހިސާބުތަކަށް ބަލާއިރު، ހުސްވިމަސް ނިމުނުއިރު މަރުކަޒީ ބޭންކުގެ ރިޒާވް ހުރީ 302.4 މިލިއަން ރުފިޔާގައެވެ. މަރުކަޒީ ބޭންކުގެ ބެލެންޝީޓަށް ބަލާއިރު، މިއަހަރުގެ މާޗުމަސް ނިމުނުއިރު އެ ބޭންކުގެ ރިޒާވް ހުރީ، 289 މިލިއަން ރުފިޔާގައެވެ. މަރުކަޒީ ބޭންކުގެ މިއަހަރުގެ މާލީބަޔާންތަކަށް ބަލާއިރު މަހަކަށްވުރެ މަހެއް އެ ބޭންކުގެ ރިޒާވް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މަރުކަޒީ ބޭންކުން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާޗު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 501.2 މިލިއަން ޑޮލަރެވެ. އަދި ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވް، ނުވަތަ ބޭރު ފައިސާގެ އެކިއެކި މުޢާމަލާތުތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭއިން ބޭނުންކުރެއްވުމަށް ހުރި އަދަދަކީ 224.7 މިލިއަން ޑޮލަރުއެވެ.