ޚަބަރު

ޑަބްލިއު.އެޗް.އޯއިން ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކޮށްފި


ޞިއްޙީގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޑަބްލިއު.އެޗް.އޯއިން ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީއާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ބޭއްވި މި މަޝްވާރާގައި ރާއްޖޭގެ ޓީވީ ޗެނަލްތަކާއި ބައެއް ނޫސް މަޖައްލާތަކުން ބައިވެރިވެފައިވެއެވެ. img:http://s4.psmnews.mv/images/660x400/14950174525976.jpg|ޑަބްލިއު.އެޗް.އޯއިން ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކުރުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

ރާއްޖޭގައި ހުންނަ ޑަބްލިއު.އެޗް.އޯގެ އޮފީހުގައި ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ޑަބްލިއު.އެޗް.އޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މާތުރްގެ އިތުރުން ޑަބްލިއު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ކޮމިއުނިކޭޝަންސް އޮފިސަރ ޝަމީލާ ޝަރްމާ ބައިވެރިވެޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަރްވިންދް މާތުރް ވިދާޅުވީ ރާއްޖޭގައި ބައެއް ބަލިތައް ފެތުރެމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިފަދަ ބަލިތަކުން ރައްޔިތުން ސަލާމަތްވުމަށް އެންމެ މުހިއްމު މަޢުލޫމާތު ފޯރިކޮށްދެވޭނެ ބަޔަކީ މީޑިއާކަން މާތުރް ފާހަގަކުރެއްވިއެވެ.

އެޗްވަން.އެން.ވަން ރާއްޖޭގައި ފެތުރުނު ދުވަސްވަރު އެ ބައްޔާއި ގުޅޭ ރަގަޅު މަޢުލޫމާތު މީޑިއާތަކަށް ނުދެވުމުގެ ސަބަބުން އެ ބައްޔާއި ގުޅޭ އެންމެ ޞައްޙަ މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމަށް މީޑިއާތަކަށް ދަތިތައް ކުރިމަތިވިކަން މާތުރް ފާހަގަކުރެއްވިއެވެ. img:http://s4.psmnews.mv/images/660x400/14950174719218.jpg|ޑަބްލިއު.އެޗް.އޯއިން ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކުރުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާތަކަށް ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު މި ބައްދަލުވުމުގައި މީޑިއާތަކުން ހިއްސާކޮށްފައިވެއެވެ.