ޚަބަރު

ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މާލެއޮޑިޝަން ފަށައިފި


ޕަބްލިކް ސާރވިސް މީޑިޔާއިން ކޮންމެ ރަމަޟާން މަހަކު ކުރިއަށް ގެންދާ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މާލެ އޮޑިޝަން ފަށައިފިއެވެ.

ތުއްތުކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސައި ޤުރުއާނަށް އަހުލުވެރި ކުދިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ޕީއެސްއެމްއިން ކުރިއަށްގެންދާ މި މުބާރަތް ބަހާލެވިފައިވަނީ މުޅިއަކު 3 އުމުރުފުރާއަކަށެވެ. އެއީ 5 އަހަރާއި 7 އަހަރާ ދެމެދުގެ އުމުރުފުރާ، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޢުމުރުފުރާ އަދި 10 އަހަރާއި 13 އަހަރާ ދެމެދުގެ ޢުމުރުފުރައެވެ. img:http://s1.psmnews.mv/images/660x400/14907184609201.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް - ފައިލް ފޮޓޯ: މުޙައްމަދު ވަޙީދު / ޕީއެސްއެމް

ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލް ލަތީފް ވިދާޅުވީ، ޕީއެސްއެމްއިން އަބަދުވެސް މަސައްކަތްކުރަނީ ވީހާވެސް ގިނަ ކުދިންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި މުސްތަޤުބަލުގައި ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް އަދި ރާއްޖެއިން ބޭރުގައިތިބި ދިވެހި ކުދިންނަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އިކްރާމްވަނީ ވިދާޅުވެފައެވެ.

މިއީ ޕީއެސްއެމްއިން މި މުބާރާތް ކުރިއަށްގެންދާ 20 ވަނަ އަހަރެވެ. މާލޭއާއި ހުޅުމާލެއާއި އަތޮޅުތަކުގެ 8 ރަށެއްގައި މުބާރާތުގެ އޮޑިޝަންތައް ކުރިއަށްދާނެއެވެ. އޮޑިޝަންތައް ކުރިޔަށްދާނީ ހދ.ކުޅުދުއްފުށި، ލ.ފޮނަދޫ، ގދ.ތިނަދޫ، ރ.އުނގޫފާރު، ޅ.ނައިފަރު، އއ.މަތިވެރި، ފ.ނިލަންދޫގެ އިތުރުން އައްޑުސިޓީގައެވެ. ޤުރުއާން މުބާރާތުގެ އޮޑިޝަނުގައި ބައިވެރިވާ ކުދިންގެ ތެރެއިން ފައިނަލަށް ދާނީ ކޮންމެ ޢުމުރުފުރާއަކުންވެސް އެންމެ މޮޅު 10 ކުދިންނެވެ. މުބާރާތުގެ ފައިނަލް އޮންނާނީ ރަމަޟާން މަހުގެ ފަހުދިހައިގައެވެ.