ޚަބަރު

ކަރަންޓުގެ އަގުހެޔޮކުރުމަށް ދަނީ މަސައްކަތް ކުރަމުން - މިނިސްޓަރ


ކަރަންޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ ޠާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފެނަކާ ކޯޕަރޭޝަނާއި ފަޔަރ އެންޑް ރެސްކިއުއިން އިންތިޒާމް ކުރައްވައިގެން ކުރިޔަށް ގެންދަވާ ފަޔަރ ސޭފްޓީ ޓްރެއިނިންގ ފްރޮގްރާމް ފެށްޓެވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނސްޓަރ ޠާރިގް ވިދާޅުވީ 24 ގަޑިއިރު ކަރަރަންޓުގެ ޔަގީންކަމަކީ ސަރުކާރުގެ ވައުދެއްކަމަށާއި ކަރަންޓްގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ރަށްރަށުގައި ހުރި އިންޖީނުގެ ތަކުން ދެމެހެއްޓެނިވި ޚަރަދު ކުޑަގޮތެއްގައި ކަރަންޓް ދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ކަރަންޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މިނސްޓަރ ޠާރިގް ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14950141784348.jpg|ފަޔަރ ސޭފްޓީ ޓްރެއިނިންގ ފްރޮގްރާމް ފެއްޓެވުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ އެ ކުންފުނީގެ ދަށުން ހިންގާ އިންޖީނުގެތަކަށް ހާއްސަ ކުރައްވައިގެން ސޭފްޓީ އެންޑް ސެކިއުރިޓީގެ ޕްލޭނެއް އެކުލަވާލުމުގެ މަޝްވާރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކުންފުނީ މުވައްޒަފުންނަށް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފަޔަރ ސޭފްޓީ ޓްރެއިނިންގއަކީ އަލަށް އެކުލަވާލާ ޕްލޭންގެ ދަށުން ހިންގާ އެންމެ ފުރަތަމަ ޓްރެއިނިންގ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއުގެ ކޮމާންޑަރ ކާނަލް އަބަދު ﷲ ޒުހުރީ ވިދާޅުވީ އެ އިދާރާގެ އަމާޒަކީ ފެނަކާއިން ހިންގާ 148 އިންޖީނުގޭގެ މުވައްޒަފުންނަށް ބޭސިކް ފަޔާރ ފައިޓިންގ ޓްރެއިނިންގ ދިނުން ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޒުހުރީ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14950142022923.jpg|ފަޔަރ ސޭފްޓީ ޓްރެއިނިންގ ފްރޮގްރާމް ފެއްޓެވުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދާ ފަޔަރ ސޭފްޓީ ޓްރެއިންގ އަކީ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި ސަމާލުކަން ދޭންވީ ކަންކަން ދެނެގަނެ އެކަންކަން އިސްލާހު ކުރުމަށް އަޅަންވީ ފިޔަވަޅުތައް ބުނެދިނުމަށް ހިންގާ ތަމްރީން ޕްރޮގްރާމެއް ކަމަށް ފެނަކައިން ބުނެއެވެ.