ޚަބަރު

ރާއްޖެއިން ކުވޭތަށް ކަނޑައެޅުއްވި ސަފީރު، ފަތްކޮޅު އަރުވައިފި


ދިވެހިރާއްޖެއިން ކުވޭތަށް ކަނޑައެޅުއްވި ފުރަތަމަ ނޮން ރެސިޑެންޓް ސަފީރު، ޢަބްދު ﷲ ޙަމީދު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ކުވައިތުގެ އަމީރު ޝެއިޚް ޞަބާހް އަލް އަޙްމަދު އަލް ޖާބިރު އަލް ޞަބާޙްއަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިޔަށް ދިޔައީ ކުވޭތުގެ ބަޔާން ޕެލެސްގައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުމުގެ ރަސްމިއްޔާތަށްފަހު ޢަބްދު ﷲ ޙަމީދު ކުވޭތުގެ އަމީރު ޝެއިޚް ޞަބާހް އަލް އަޙްމަދު އަލް ޖަބީރު އަލް ޞަބާޙްއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުގެ މުނާސަބަތުގައި ކުވޭތުގެ އަމީރު ސަފީރަށް ތަހުނިޔާ ދަންނަވާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ރައްޔިތުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން އެހީތެރިވެދިނުމުގައި ކުވޭތުން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގައި ވިދާޅުވިއެވެ.

ސަފީރު ޢަބްދު ﷲ ޙަމީދުގެ ވާހަކަފުޅުގައި ކުވޭތު ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ އެމަނިކުފާނާ ޙިއްސާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމުގައި ހާމަކުރެއްވިއެވެ.