ކުޅިވަރު

ފަހު މެޗާއި ކުރިމަތިލާއިރު ވެންގާ ގަދަ ހަތަރެއްގެ އުއްމީދުގައި


އިނގިރޭސި ޕްރިމިއަރ ލީގުގެ ފަހު މެޗާއި ކުރިމަތިލާއިރު ގަދަ ހަތަރެއްގެ އުއްމީދު އެއްވެސް ވަރަކަށް ކުޑަނުވާކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.  

ވެންގާ މިހެން ބުނީ ސަންޑަލެންޑް އަތުން މޮޅުވެ، އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް ކުރާ އުއްމީދު އާސެނަލްއިން ދެމެހެއްޓި މެޗަށްފަހުއެވެ.

ރޭ ސަންޑަލެންޑްގެ މައްޗަށް އާސެނަލް ކުރި ހޯދީ ދޭއް ސުމަކުންނެވެ. މެޗުގައި އާސެނަލްގެ ދެ ގޯލް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ. 

ރޭ ސަންޑަލެންޑް އަތުން މޮޅުވި މެޗަށްފަހު އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ ލީގުގެ އެންމެ ފަހު މެޗުތަކުން ގަދަ ހަތަރެއް ކަށަވަރުވުމަކީ ކޮންމެ ޓީމަކަށް އޮންނާނެ ޕްރެޝަރެއްކަމަށާއި، އެންމެ ފަހު ވަގުތާއި ހަމައަށް ހިތްވަރު އެލުވާނުލާނެކަމަށެވެ. ސަންޑަލެންޑް ކޮޅަށް ގިނަ ލަނޑުތަކެއް ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނުކަމަށާއި، 36 ހަމަލާއިން ދެ ގޯލަކީ ހިތްހަމަޖެހޭ އަދަދެއް ނޫންކަމަށްވެސް ވެންގަރ ބުންޏެވެ. 

"ގިނަ ލަނޑުތަކެއް ޖަހައި ގޯލްގެ ތަފާތުން ކުރިއަށް ޖެހިލަން ލިބުނު ފުރުސަތެއް މިއަދު ގެއްލުނީ. ކުޅުންތެރިން ވަރަށް މަސައްކަތްކުރި"

އެންމެ ފަހު މެޗުގައި ނަތީޖާނެރެ ތަފާތު ދެއްކޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި، އާސެނަލްއަކީ މީގެ ކުރިންވެސް އެންމެ ފަހު ދުވަހު ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޓީމެއްކަމަށް ކޯޗް ވެންގާ ބުންޏެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް 72 ޕޮއިންޓާއިއެކު 5 ވަނާގައި އޮތްއިރު، 73 ޕޮއިންޓާއިއެކު 4 ވަނާގައި އޮތީ ލިވަޕޫލެވެ. ލިވަޕޫލް ލީގުގެ ފަހު މެޗުގައި ނިކުންނާނީ މިޑްލްސްބްރާއާއި ދެކޮޅަށެވެ. އަދި އާސެނަލް ނިކުންނާނީ އެވަޓަންއާއި ދެކޮޅަށެވެ.