ކުޅިވަރު

އިމްރާނާއެކު ނިއުގެ މުޙިންމު 3 ކުޅުންތެރިން 2 މެޗަށް ސަސްޕެންޑް


ކީޕަރު އިމްރާން މުޙައްމަދާއެކު ނިއުރޭޑިއަންޓްގެ މުޙިންމު 3 ކުޅުންތެރިން ދެ މެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފިއެވެ.

އިމްރާން މުޙައްމަދުގެ އިތުރުން ދެ މެޗަށް އެފްއޭއެމްއިން ސަސްޕެންޑްކުރީ ފޯވާޑް އެޑްރިއަން ގަލާޑޯއާއި، މިޑްފީލްޑަރ ޖަމަލް ރޮމާނޯއެވެ. މި ތިން ކުޅުންތެރިންވެސް ސަސްޕެންޑްކޮށް ޖޫރިމަނާކުރީ އެސްޓީއޯ މާލޭ ލީގުގައި މިމަހުގެ 7 ވަނަ ދުވަހު ކްލަބް އީގަލްސް އަތުން ބަލިވި މެޗަށްފަހު ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ.

މިސީޒަންގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ އަދި ނިއުރޭޑިއަންޓަށް ނަތީޖާ ނެރެދެމުން އަންނަ ގަލާޑޯ ސަސްޕެންޑްކުރީ މެޗު ނިމުމަށްފަހު ދެ ޓީމްގެ ކުޅުންތެރިން ސަލާމް ކުރަމުންދިޔަ ވަގުތު އީގަލްސްގެ އިބްރާހީމް މުބީން އަހުމަދު ރަޝީދު ކޮއްޕާލާ، ހައްޓަށް ހަމަލާދީފައިވާތީކަމަށް އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ރައްދުގައި މުބީން ގަލާޑޯ ފައިގަ ފައިން ޖަހާފައިވާތީ މުބީންވެސް ވަނީ 2 މެޗަށް ސަސްޕެންޑްކޮށްފައެވެ. މީގެއިތުރުން ދެ ކުޅުންތެރިންވެސް ވަނީ 4000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެފްއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ އެދެ ކުޅުންތެރިންގެ އަމަލުތަކުގެ ސަބަބުން ހަމަނުޖެހުން އުފެދުމަށާއި، ދަނޑަށް އިތުރު މީހުން އަރަން މަގުފަހިވެ، އިތުރު ހަމަނުޖެހުން ހިނގާފައިވާކަމަށެވެ. 

ނިއުރޭޑިއަންޓްގެ ޖަމަލް ދެ މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން 4000 ރުފިޔާއިން ޖޫރިމަނާކުރީ މުބީން ގައިގަ ޖަހަން ހޫރާލި ފައިން އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރުގެ ގައިގަ ޖަހާފައިވާތީކަމަށް އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެއަމަލަކީ ކުޅިވަރުގެ ރޫހާ ޚިލާފް އަދި ހައްޓަށް ހަމަލާ ދިނުމުގެ އަމަލެއްކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. މިދިޔަ 17 އަހަރު ޤައުމީ ޓީމްގެ ގޯލް ބެލެހެއްޓި ކީޕަރު އިމްރާން މުޙައްމަދު ދެ މެޗަށް ސަސްޕެންޑް ކުރީ ދެ ކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ކަންތައްތައް ބޮޑު ހަމަނުޖެހުމަކަށް ވުމުގައި އިމްރާން މުޙައްމަދުގެ ބައެއްވާކަމަށް ފާހަގަކޮށް، އިމްރާންގެ އަމަލުތަކުން މަޝްރަހު ހޫނުކުރުމަށް މަގުފަހިވެފައިވާތީކަމަށް ބަޔާނުގައިވެއެވެ. އިމްރާނަށް އަދަބު ދިން އިރު 17 އަހަރު ޤައުމީ ޓީމަށް ކުޅުނު ކީޕަރެއްކަމާއި، އެހެން ކީޕަރުންނަށް ނަމޫނާއަކަށް ވާންޖެހޭނެކަން ފާހަގަކޮށް، އެކަމަށްވެސް ވަނީ ރިޢާޔަތްކޮށްފައެވެ. ސަސްޕެންޑްކުރުމުގެ އިތުރުން އިމްރާން ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14949584036188.JPG|މެޗަށްފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން: ފޮޓޯ-ޕީއެސްއެމް

ނިއުރޭޑިއަންޓްގެ ލިސްޓްގައި ހިމަނާފައިވާ ކުރިން ބީޖީއަށް ކުޅުނު ޞޮލާހުއަށް އެފްއޭއެމްއިން ވަނީ 6 މެޗަށް ސަސްޕެންޑްކޮށްފައެވެ. އެއީ އެދުވަހުގެ ލިސްޓްގައި ނެތި، ކުޅިބަލާ މީހުންގެ ތެރޭގައި އިނދެ ދަނޑަށް އަރާ މުބީންއަށް ހަމަލާދީ، ހަމަނުޖެހުން އިތުރަށް ހޫނުވުމަށް މަގުފަހިވެފައިވާތީކަމަށް އެފްއޭއެމްއިން ބުނެއެވެ. 

މީގެއިތުރުން އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދުވެސް ވަނީ 5 މެޗަށް ސަސްޕެންޑްކޮށް 8000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެއީ ދަނޑަށް އަރާ ޞޮލާހުއަށް ހަމަލާދީ، އަދި ކީޕަރު އިމްރާންގެ ހައްޓަށް ދެފަހަރު ހަމަލާދީ، ނިމާދުގެ އަމަލުތަކުގެ ސަބަބުން މަޝްރަހު އިތުރަށް ގޯސްވެފައިވާތީކަމަށް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

މިސަސްޕެންޝަންތަކާއި ގުޅިގެން ނިއުރޭޑިއަންޓްގެ ކީޕަރު އިމްރާން މުޙައްމަދާއި، ގަލާޑޯއާއި، ޖަމާލްއަށްވެސް ލީގުގެ ދެވަނަ ބުރުގައި އެޓީމް ފުރަތަމަ ކުޅޭ ދެ މެޗުގައި ނުކުޅެވޭނެއެވެ. ރޯދައިގެ ކުރިން ނިއުރޭޑިއަންޓަށް އޮތީ އަންނަ ހޮނިހިރު ދުވަހު ވެލެންސިޔާއާއި ވާދަކުރާ މެޗާއި، މިމަހުގެ 26 ވަނަ ދުވަހުގެރޭ ގްރީން ސްޓްރީޓާ ވާދަކުރާ މެޗެވެ. 

އީގަލްސްގެ މުބީންއަށް ގެއްލޭނީ ލީގުގެ ދެވަނަ ބުރުގައި އަންނަ އާދިއްތަ ދުވަހުގެރޭ ޔުނައިޓެޑް ވިކްޓްރީއާ ވާދަކުރާ މެޗާއި، އަންނަ މަހުގެ 19 ވަނަ ދުވަހުގެރޭ މާޒިޔާއާ ވާދަކުރާ މެޗެވެ.