ޚަބަރު

"އިންތިޚާބުގައި 66 އިންސައްތަ މީހުން ވޯޓު ދިން"


މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މުޅި ރާއްޖެއިން ވޯޓު ދީފައިވަނީ 66 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރެއްވުމަށްފަހު, އިންތިޚާބާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، މިފަހަރުގެ އިންތިޚާބު ކުރިއަށްދިޔައީ ދިވެހި ހުރިހާ ރައްޔިތުންނާއި، އިލެކްޝަން ކޮމިޝަނުންވެސް ބޭނުންވި ފަދައިން އަމާންކަމާއި އޮމާންކަމާއެކު ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާގުޅުންހުރި މުއްސަސާތަކުގެ ފުރިހަމަ އެއްބާރުލެއްވުމެއް ލިބިގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ. 

"އަމާން އޮމާން އިންސާފުވެރި އިންތިޚާބެއް އަޅުގަނޑުމެންނަށް ފޯރުކޮށްދެވިގެންދިޔަ. އަދި ހަމަ އެހެންމެ އެދުވަހުގެ ކަންތައްތައް ދިޔައިރު އަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް އެއްވެސް ހިސާބެއްގައި ހިނގާފަ ނުވާކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން." އަކްރަމް ވިދާޅުވިއެވެ. 

ލޯކަލް ކައުންސިލް އިންތީޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރެއްވުމާއި ހަމައަށް ކޮމިޝަނުން ޤާއިމްކުރައްވާފައިވާ ކޮމްޕްލެއިންސް ބިއުރޯއަށް ހުށައަޅުއްވާފައި ވަނީ ޖުމްލަ 116 މައްސަލަ ކަމަށާއި، މީގެ ތެރެއިން 115 މައްސަލަ ބައްލަވައި ނިންމަވާފައިވާކަމަށް އެލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެންމެ މައްސަލައެއް ފިޔަވައި ނަތީޖާއަށް އަސަރުކުރާފަދަ މައްސަލައެއް ކޮމްޕްލެއިންސް ބިއުރޯއަށް ހުށައެޅިފައިނުވާ ކަމަށެވެ.  

"116 މައްސަލައެއް އިއްޔެއާހަމައަށް ހުށައެޅިފައިވޭ. އޭގެތެރެއިން 115 މައްސަލައެއްގެ ޖަވާބު އަޅުގަނޑުމެންނަށް ދެވިފައިވޭ. ނުނިމި އޮތް މައްސަލަ މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އަޅުގަނޑުމެންނަށް އެމައްސަލައިގެ ޖަވާބުވެސް ދެއްވޭނެ. މީގެ އިތުރުން އަޅުގަނޑު ފާހަގަކޮށްލަން ކުރިން ބުނި 116 މައްސަލައިގެ ތެރެއިން ތިން މައްސަލައެއް އަޅުގަނޑުމެންވާނެ ޕީ.ޖީ.އަށް ފޮނުވަން ނިންމާފައި. އަދި އެއް މައްސަލައިގެ ތަހްގީގު ހިންގުމަށް ފުލުހުންނަށް ވާނީ އަންގާފައި" އަކްރަމް ވިދާޅުވިއެވެ.

މިހާތަނަށް ބޭއްވި އިންތިޚާބުތަކާއި އަޅާބަލާއިރު، މިފަހަރު މި ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބަކީ، އެންމެ ދުރާލާ ތައްޔާރުވެގެން އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިޚާބުކަމަށާއި، މިފަހަރުގެ އިންތިޚާބުގައި ބާތިލު ވޯޓު ގިނަކަން ފާހަގަކުރެވިފައިވާތީ ކުރިއަށް އޮތް އިންތިޚާބުތަކުގައި އެކަން މަދުކުރެވޭނެ ގޮތަކަށް ދުރާލާ ތައްޔާރުވެ މަސައްކަތް ކުރައްވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.