ކުޅިވަރު

ހީޓްގެ އެއްވަނައާއެކު ސާއިދު ސެމީއަށް


މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100މ. ދުވުމުގެ ސެމީފައިނަލުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފިއެވެ.

ސާއިދު ސެމީފައިނަލުން ޖާގަ ހޯދީ އޭނާ ދުވި ހީޓްގެ 1 ވަނަ ހޯދައިގެންނެވެ. ހީޓް އެކެއްގައި ދުވެ ސާއިދު ރޭސް ނިންމީ 10.40 ސިކުންތުންނެވެ. ސާއިދުއާއެކު އެއް ވަނާގައި ތުރުކީގެ ރާމިލް ގުލިއޭވްވެސް ރޭސް ނިންމިއެވެ. މިރޭހުގެ ދެވަނައާއި ތިން ވަނާގައި ރޭސް ނިންމީ ސަރިނަމްގެ ޖެފްރީ ވަނާންއާއި، ޕާކިސްޠާނުގެ މުޙައްމަދު ޝަހުބާޒްއެވެ. ސެމީފައިނަލްގައި ސާއިދު ދުވާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 18:45 ގައެވެ. 

ރާއްޖޭގެ ޒުވާން އެތްލީޓް ސަރީސް އަހުމަދުވެސް މިއަދު 100މ ހީޓް ހަތަރެއްގައި ދުވިއެވެ. އެހީޓްގައި އޭނާ ދިޔައީ ފުލަށެވެ. ރޭސް ނިންމީ 11.28 ސިކުންތުންނެވެ. އޭނާއަށް ސެމީފައިނަލުން ފުރުޞަތެއް ނުލިބުނެވެ. 

ހަސަން ސާއިދަކީ އޭޝިޔާގެ އިވެންޓަކުން ރާއްޖެއަށް މެޑަލް ހޯދައިދިން ފުރަތަމަ އެތްލީޓެވެ. 100. މީޓަރުގެ ދުވުމުން ރަން މެޑައްޔާއި ރިހި މެޑަލްވެސް ޞަރަހައްދީ މުބާރާތްތަކުގައި ވާދަކޮށް އޭނާ ވަނީ ހޯދާފައެވެ. މިހާރު ކުރިއަށްދާ ގޭމްސްގައިވެސް އެންމެ ބޮޑު އުއްމީދެއް ކުރެވޭ ދިވެހި އެތްލީޓަކީ ސާއިދެވެ. 

އަޒަރު ބައިޖާނުގެ ބަކޫގައި ކުރިއަށްދާ ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމާއި ޓެނިސް ޓީމްވެސް ވާދަކުރާނެއެވެ.