ޚަބަރު

މަކަރުން ފައިސާ އަތުލާ ފަރާތްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި


ފޯނުން ގުޅައިގެން އެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ އަތުލާ ފަރާތްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް އާއްމުކުރި މި އިލްތިމާސްގައި، ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް އާންމު ގޮތެއްގައި ވިޔަފާރި ވެރިންނާއި ކުންފުނިތަކުން ތަފާތު އެކި ޕްރޮމޯޝަންތަކާއި ސޭލްސްތައް ކުރިއަށްގެންދަވާއިރު މިފަދަ ޕްރޮމޯޝަންތަކުގެ ނަމުގައި ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާއާއި ރާސްޓަސް އަދި ރީލޯޑް ހޯދާ ފަރާތްތަކަށް ރައްޔިތުން ޚާއްސަ ގޮތެއްގައި ސަމާލުވުން މުހިއްމު ކަމަށް ވިދާޅުވެފައިވެއެވެ.

އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ މަކަރާއި ހީލަތުގެ ތަފާތު އެކި މައްސަލަތަކަށް ބަލާއިރު އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ތަފާތު ޓްރެންޑްތައް ފާހަގަކުރެވިފައިވާކަން ހާމަކުރައްވާފައިވެއެވެ. އެގޮތުން މީސްމީހުންނަށް ފޯނުން ގުޅައި ފޯނުންކުރިއަށް ގެންދާ ކުއިޒެއްގައި ބައިވެރިވެވިފައިވާ ކަމަށް ބުނެ ތަފާތު އެކި ސުވާލުތައް ކުރިމަތިކުރުވައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެވެސް ނަންބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަންޖެހޭ ކަމަށް ނުވަތަ ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދިފައި ހުންނަކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

އަދި މިފަދަ ކަންކަން ހިންގާ ފަރާތްތަކުން މީސްމީހުންގެ ހިތްއަތުލުމަށްވެސް ތަފާތު އުކުޅުތައް ބޭނުންކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި، އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާގެ އިނާމުތަކާއި ދިގުމުއްދަތަށް އެޕާރޓްމަންޓްތައް ހިލޭ ލިބޭނެ ކަމަށް ނުވަތަ ރާއްޖެއިން ބޭރު ދަތުރުތަކާއި ސްކޮލަރޝިޕް ފަދަ ފުރުޞަތު ލިބޭނެ ކަމަށް ބުނެފައި ހުންނަކަން ފާހަގަކުރެވޭ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ. އަދި މި އިނާމާއި ހަމައަށް ދިއުމަށް މީސްމީހުންގެ އަތުން ނެގޭ ފައިސާ ނުވަތަ ރާސްޓަސް ރީލޯޑްއަކީ ކޮންމެވެސް އެންޖީއޯއަކަށް ނުވަތަ އެހީއަކަށް ބޭނުންވެފައިވާ ފަރާތަކަށް ދެވޭނެ ހަދިޔާއެއް ކަމުގައި ދައްކަން މަސައްކަތްކޮށްފައި ހުންނަކަންވެސް ފާހަގަކުރެވޭކަން ހާމަކުރައްވާފައިވެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ މައްސަލަތައް ހިންގާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރެވޭނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެންނެވެ. ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ފޯނުން ގުޅައި ވަކި ޢަދަދަކުން ރީލޯޑްކޮށް ރާސްޓަސް އަޅައި ދިނުމަށް ނުވަތަ ހަމަ ބުނެލާ އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް މިހާތަނަށް އެއްވެސް ފަހަރަކު އެދިފައި ނުވާކަން ދަންނަންޖެހެއެވެ. ހަމައެއާއެކު އެމީހަކު އަމިއްލައަށް ޕްރޮމޯޝަނެއްގައި ބައިވެރިވެފައި ނުވާނަމަ ޤުރުއަތުން ހޮވުނު ނަސީބު ނަންބަރެއް ކަމަށް ބުންޏަސް އެކަމާ ސުވާލު އުފައްދަންޖެހެއެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެއަށް އިޖާބަ ނުދިނުމުގެ އިތުރުން އެކަން ފުލުހުންނަށް ރިޕޯރޓްކުރުމަކީވެސް މުހިންމު ކަމެކެވެ. އެކަމާއިގުޅޭ މަޢުލޫމާތު އެހެން މީހުންނާއި ހިއްސާކޮށް ހޭލުންތެރިކުރުމަށް ފަރުދީފެންވަރުގައިވެސް ކުރެވެންހުރި މަސައްކަތް ކުރުމަކީވެސް މިފަދަ މައްސަލަތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމެވެ.

ޕްރޮމޯޝަންތަކުގެ ނަމުގައި ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ އަތުލާ ފަރާތްތަކަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ ސަމާލުކަން ދެއްވައިފިނަމަ އެއީ މިފަދަ މައްސަލަތައް ހުއްޓުވުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.