ޚަބަރު

ފުލުހުންގެ ޚިދުމަތް ދަނީ އިތުރަށް ތަރައްޤީކުރަމުން- ސީޕީ


ފުލުހުންގެ ޚިދުމަތަކީ، ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަޙުމަދު އަރީފް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލަމާތީ ކަންކަން ބެލެހެއްޓެވުމުގައި ފުލުހުން ކޮށްދެއްވި އިޚްލާސްތެރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. img:http://s3.psmnews.mv/images/660x400/14948426931307.jpg|ރަސްމިއްޔާތުގައި ބައިވެރިވި ފުލުހުން / ފޮޓޯ: ޕޮލިސް މީޑިއާ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުޢައްސަސާގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް އިތުރަށް ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފުންގެ ވެލްފެއަރ ކަންކަން ރަނގަޅުކޮށް މުވައްޒަފުންގެ ކުރިއެރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ރެއާ ދުވާލު ކުރައްވަމުން ގެންދަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި ކައުންސިލް އިންތިޚާބާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި އޮޕަރޭޝަން ކޮމާންޑަރާއި އެހެނިހެން ކޮމާންޑަރުން އަދި އޮޕަރޭޝަންގައި ހަރަކާތްތެރިވި ހުރިހާ މުވައްޒަފުން ކުރި އަގުހުރި އިޚްލާސްތެރި ޤައުމީ މަސައްކަތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންނަށް ދަތިތަކެއް ހުރިނަމަވެސް އެދަތިތަކުގެ ތެރެއިން މާލެއާއި އަތޮޅުތަކުގައި އިންތިޚާބު އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ފުލުހުން ކުރި މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. 

img:http://s3.psmnews.mv/images/660x400/14940742101761.jpg|ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ވޭތުވެދިޔަ ތަނުގައި ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތެރެއިން ލިބިފައިހުރި ތަޖުރިބާގެ އަލީގައި ކުރިއަށް އޮތްތަނުގައި ޤައުމަށް ދިމާވާ ކަންކަމުގައި ފުލުހުން ޕްރޮފެޝަނަލް ކަމާ، އިޙްލާސްތެރިކަމާއެކު ޤައުމަށް ނަމޫނާ ދައްކަމުން ދާނެކަމަށް އުއްމީދުކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމަށް ފުލުހުން ވަނީ "ދިހި"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ކުރިއަށްގެންދަވާފައެވެ. މިއޮޕަރޭޝަނުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް މީހަކު ގެނެސްފައެއްވެސް ނުވެއެވެ.