ކުޅިވަރު

އޮއްޕޮ ނިއުރޭޑިއަންޓަށް ސޮއިކޮށްފި


ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރ އިބްރާހީމް ފަޒީލް (އޮއްޕޮ) މިސީޒަންގައި ޓްރާންސްފަރއަށް ފަހު ނިއުރޭޑިއަންޓަށް ކުޅެން ސޮއިކޮށް، ޕްރެކްޓިސްގައި ބައިވެރިވާން ފަށައިފިއެވެ. 

މިހާރު ކުރިއަށްދާ ނިއުރޭޑިއަންޓްގެ ޕްރެކްޓިސްގައި އޮއްޕޮ އަންނަނީ ބައިވެރިވަމުންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެޓޭކިންގ މިޑްފީލްޑަރުކަމަށް ގިނަ ބަޔަކު އެއްބަސްވާ އޮއްޕޮ އަލުން ދިވެހި ކްލަބަކާ މި ގުޅުނީ ރާއްޖޭން ބޭރުގައި އުޅުމަށްފަހުއެވެ. އެމުއްދަތުގައި އޭނާ ވަނީ ވޭލްސްގެ ކްލަބަކަށް މިއަހަރު ކުޅެފައެވެ. 2008 ވަނަ އަހަރު ޤައުމީ ފުޓްބޯޅަ ޓީމާއެކު ރަން މެޑަލް ހޯދި މިޑްފީލްޑަރު ވަނީ ކުރިންވެސް ނިއުރޭޑިއަންޓަށް ކުޅެ އެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ނިއުރޭޑިއަންޓްގެ އިތުން ވިކްޓްރީއާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދި މިޑްފީލްޑަރ ވީބީއާއި، އައްޑޫ އެފްސީ އަދި ބީޖީއަށްވެސް ކުޅެފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/14947797669124.jpg|

އެންމެ ފުރަތަމަ އޭނާ ފާހަގަވެގެން އައީ 2000 ވަނަ އަހަރު ނިއު ލެގޫންސުންނެވެ. އޮއްޕޮ ވަނީ ތިން ފަހަރެއްގެ މަތީން ނިއުރޭޑިއަންޓަށް ކުޅެފައެވެ. އެންމެ ފުރަތަމަ އޭނާ ނިއުރޭޑިއަންޓާ ގުޅުނީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ނިއުއަށް ކުޅުނެވެ. އަދި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް އޮއްޕޮ ކުޅުނީ ނިއުއަށެވެ.  

ރަންބޫޓާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ 36 އަހަރުގެ އޮއްޕޮ ނިއުއާއި ގުޅުނު އިރު އޭނާއާއެކު ޤައުމީ ޓީމްގައި މުޙިންމު ދައުރެއް އަދާކުރި ކުޅުންތެރިންކަމަށްވާ އަލީ އުމަރާއި، އަހުމަދު ތާރީޤް ފަދަ ކުޅުންތެރިން ވަނީ ކުޅުން ހުއްޓާލާފައެވެ.