އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ޑަބްލިޔު.އެޗް.އޯ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުން ސަރަޙައްދީ ކޮންފަރެންސަށް ހުށައަޅާ ޤަރާރު އެކުލަވާލުމުގެ މަސައްކަތް މެންބަރު ޤައުމުތަކުން މިއަދު ފަށްޓަވައިފިއެވެ.
ޑަބްލިޔު.އެޗް.އޯގެ ސަރަޙައްދީ ހަތްދިހަ ވަނަ ކޮންފަރެއްންސްގެ މިއަހަރުގެ ޝިޢާރަކީ، "ތިމާވެށްޓާއި، ޞިއްޙަތު"އެވެ. މިޝިޢާރުގެ ދަށުން ކޮންފަރެންސަށް ހުށައަޅާ "މާލޭ ޑެކްލަރޭޝަން" އެކުލަވާލުމަށްޓަކައި ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ފެށްޓެވި މިމަސައްކަތު ބައްދަލުވުމުގައި މެންބަރު 11 ޤައުމެއްގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
މިކަމާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙީ ދާއިރާއަށް ކަންބޮޑުވާ މިންވަރަށް މިހާރު އަސަރުކުރަމުންދާކަމަށެވެ. އެހެންކަމުން ރާއްޖެފަދަ ކުދި ޤައުމުތަކުގައި ތިމާވެށީގެ ސަބަބުން ޞިއްޙީ ދާއިރާއަށް ދިމާވާ މައްސަލަތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް، ސަރަޙައްދީ ފެންވަރުގައި އެކުލަވާލެވޭ މިޤަރާރުގެ ސަބަބުން ދެނެގަނެވި ޤައުމުތައް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރ ވިދާޅުވީ، މިމަޝްވަރާ ބައްދަލުވުމުގައި ޤައުމުތަކުން ކަންބޮޑުވާ ކަންކަމާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި އެއްބަސްވުން އެކުލަވާލެވޭނެކަމަށެވެ.
ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށްވުމުން އެކަމުގައި ބާރަށް އަޑުއުފުލާ ބަޔަކަށް ދިވެހިން ވީއިރު، މިފަދަ އެއްބަސްވުމެއްގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުކުރެއްވޭ ކަމަށް ހެލްތް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.