ޚަބަރު

"ޔަމަހާ ބޯޓު އޮޕަރޭޓާރސް ޓްރެއިނިންގ ޕްރޮގްރާމް 2017" ފަށައިފި


ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ކެޕްޓަނުން ހޭލުންތެރިކުރުވާ ތަމްރީންދިނުމަށް "ޔަމަހާ ބޯޓު އޮޕަރޭޓާރސް ޓްރެއިނިންގ ޕްރޮގްރާމް 2017" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

އެލިއާ އިންވެސްޓްމެންޓްސްއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، (އެމް،އައި،ޓީ)އާއި ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި، ޓްރާންސްޕޯޓް ކޮމްޕެނީސް އަދި ރިސޯޓްތަކުން ޖުމްލަ 100 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި އެމް.އެމް.ޑީ.އެފްގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި ޔަމަހާގެ ގްރޫޕް މެނޭޖަރ އޮޓްސުކީ ކެންޖީއާއި އެލިއާ އަދި އެމް.އައި.ޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. img:http://s4.psmnews.mv/images/660x400/14949269067711.jpg|ޔަމަހާ ބޯޓު އޮޕަރޭޓާރސް ޓްރެއިނިންގ ޕްރޮގްރާމް 2017 ގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ކާނަލް މުޙައްމަދު އިބްރާޙިމް ވިދާޅުވީ، ބޯޓު ކެޕްޓަނުންނަކީ ބޮލުގައި ބޮޑު ޒިންމާއެއް އެޅިފައިވާ ބައެއް ކަމަށާއި މިފަދަ ޕްރޮގްރާމެއް އިންތިޒާމް ކުރުމުގެ ސަބަބުން ކެޕްޓަނުން އިތުރަށް ޒިންމާދާރު ކުރެވިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި ފަސްޓް އެއިޑާއި އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެނަމަ ކަންތައް ކުރަންވީ ގޮތާއި، ކަނޑުމަތީގެ ރައްކާތެރިކަމާއި އައުޓް ބޯޑު ބެލެހެއްޓުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އެލިއާ އިންވެސްޓްމެންޓްސްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ސައީދު ވިދާޅުވީ، އެއްޗެއް ކިޔައިދިނުމަށްވުރެ މި މަސައްކަތު ބައްދަލުވުމުގައި އަލިއަޅުވާލާނީ ޢަމަލީ މައިދާނުގައި މަސައްކަތް ކުރަންވީ ގޮތްތަކަށް ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުން ކުރިޔަށްދަނީ، މާރބްލްސް ހޮޓެލްގައެވެ. މިއީ، ޔަމަހާ ބޯޓު އޮޕަރޭޓާރސް ޓްރެއިނިންގ ޕްރޮގްރާމް ބާއްވާ 4 ވަނަ އަހަރެވެ.