މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް އަކަށް މުހައްމަދު ތަސްނީމް


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޓައިޓަލް މުހައްމަދު ތަސްނީމް ކާމިޔާބުކޮށްފިއެވެ. 

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ތަސްނީމާއި ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. 

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް އިންޤިލާބީ ބަދަލެއް ގެނުވި އައިޑަލްގެ މިފަހަރުގެ ސީޒަންގެ ޓައިޓަލް ތަސްނީމް ކާމިޔާބުކޮށްފައިވާއިރު، މި މުބާރާތުގެ ދެވަނަ ހާސިލުކޮށްފައިވަނީ ޙަމޫދު އަޙްމަދު އަދި މުބާރާތުގެ ތިންވަނަ އަށް ހޮވިފައިވަނީ ޝަމްވީލް މުހައްމަދެވެ. 

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޓައިޓަލް ހޯދި ތަސްނީމްއަށް ޕީ.އެސް.އެމްގެ ފަރާތުން ވަނީ އަގުހުރި އިނާމްތަކެއް ހުށައަޅާފައެވެ. މީގެ ތެރޭގައި، ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމާއި، މިއުޒިކް ސްކޮލަޝިޕަކާއި، އޭ.ބީ.ޔޫ މިއުޒިކް ފެސްޓިވަލްގައި ޕާފޯމްކުރުމުގެ ފުރުސަތު ހިމެނެއެވެ. ހަމައެހެންމެ މި މުބާރާތުގެ ސްޕޮންސަރުންގެ ފަރާތުންވެސް ވަނީ އަގުހުރި އިނާމްތަކެއް އެއްވަނަ ފަރާތަށް ހުށައަޅާފައެވެ. މީގެ އިތުރުން ދެވަނަ އަދި ތިން ވަނަ ހާސިލްކުރި ފަރާތަށްވެސް އަގުހުރި އިނާމްތަކެއް ޕީ.އެސް.އެމް އާއި ސްޕޮންސަރުންގެ ފަރާތުން ވަނީ ހުށައަޅާފައެވެ.