މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ މިރޭ


ކުލަގަދަ ހަރަކާތްތަކަކާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ މިރޭ އޮންނާނެއެވެ. 

ގްރޭންޑް ފިނާލޭގެ ރެޑްކާޕެޓް އިވެންޓް މިރޭ 8:30 ގައި ޓީ.ވީ.އެމުން ގެނެސްދޭނެއެވެ. ގްރޭންޑް ފިނާލޭ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރުއެވެ. އައިޑަލްގެ މިފަހަރުގެ ސީޒަންގެ ގަދަ ތިނެއްގައި ވާދަކުރާ ބައިވެރިންގެ އެންމެ ފަހު ޕަރފޯމެންސް ރޭ ގެނެސްދީފައިވާއިރު، މި 3 ބައިވެރިންނަށްވެސް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް އޮތީ ހުޅުވާލާފައެވެ.  

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ރޭގެ ޝޯވއާއެކު އެންމެ ގިނަ ބަޔަކު މިހާރު އުފައްދާނެ ސުވާލަކީ އައިޑަލްގެ މިފަހަރުގެ ޓައިޓަލް ގެންދާނީ ކޮން ބައިވެރިއެއްކަމާމެދުކަން ޔަޤީނެވެ. އައިޑަލް ސީޒަން 2 ގެ ގަދަ 3 ބައިވެރިންކަމުގައިވާ ޙަމޫދު އަޙްމަދު، މުޙައްމަދު ތަސްނީމް، އަދި ޝަމްވީލް މުޙައްމަދު މިވަނީ އެ ބައިވެރިންގެ ޖާދޫގައި ޖައްސައި ޓީވީ ބަލާ މީހުންނާއި ޖަޖުންގެ ހިތް އަތުލުމަށް ލިބުނު އެންމެ ފަހު ފުރުޞަތުގެ ބޭނުންހިފާ، ވަރަށްވެސް ތަފާތު ހުށައެޅުންތަކެއް ޖަޖުންނާއި، ބެލުންތެރިންނަށް ގެނެސްދީފައެވެ.

ގަދަ 3 ބައިވެރިންގެ ޕަރފޯމަންސްއަށް ޝޯވގެ 3 ޖަޖުންގެ ފަރާތުންވެސް ރަނގަޅު ކޮމެންޓްތަކެއް ލިބިފައިވާއިރު، އައިޑަލްގެ ޓައިޓަލް ދޭނެ ފަރާތެއް ހޮވުމަށް ޖަޖުންނަށް ލިބިފައިވާ 50 އިންސައްތައިގެ ބޭނުން ހިފާ، ޖަޖުންގެ ނިންމުން މިހާރު ވަނީ ނިންމާފައެވެ. ޓައިޓަލް ހައްޤުވާ ފަރާތެއް އިޢުލާންކުރާނީ އަނެއް 50 އިންސައްތަ ހިއްސާކުރާ ފަރާތްތައްކަމަށްވާ ބެލުންތެރިން، މި ގަދަ 3 ބައިވެރިންނާއި މެދު ނިންމި ނިންމި ނިންމުމެއްގެ މައްޗަށެވެ.

ކޮންމެއަކަސް ނަތިޖާއާއިގެން އައިޑަލް ސީޒަން 2 ގެ ގްރޭންޑް ފިނާލޭ މިރޭ ބެލުންތެރިންނާއި ހަމައަށް އަންނައިރު، މި ޝޯވ ވެގެންދާނީ މިއުޒިކީ ބޮޑު ޢީދަކަށެވެ. ހުނަރުން ފުރިގެންވާ ކުޅަދާނަ އެތައް ދިވެހި އާޓިސްޓުންނެއްގެ ޝަޢުގުވެރި ހުށައެޅުންތަކެއް މިރޭގެ ގްރޭންޑް ފިނާލޭއިން ފެންނާނެއެވެ. ކުރީ ސީޒަނެކޭ އެއްފަދައިން މިފަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭވެސް ފެށުމަށް ހަމަޖެހިފައިވަނީ ރެޑްކާޕެޓް އިވެންޓަކުންނެވެ. ދިވެހި ކުލަތަކާއި ރަހަތަކާއެކު އައިޑަލްގެ ގްރޭންޑް ފިނާލޭ ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްޓަކާ އައިޑަލް ޓީމުން އަތުކުރި އޮޅާލާފައިވާއިރު، ޓީ.ވީ.އެމްގެ މުޅި ގޯތިތެރެވެސް ދަނީ މިރެއަށްޓަކާ ޒީނަތްތެރިކުރަމުންނެވެ. މިދިޔަ ސީޒަންގައި ނުފެންނަ، ތަފާތު ގިނަ ސަޕްރައިޒްތަކެއް މިފަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭއިން ފެންނާނެކަމަށް އައިޑަލް ޓީމުން ބުނެއެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ޕީ.އެސް.އެމްގެ ފަރާތުން 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ޝޯވގެ ސްޕޮންސަރުންނާއި ބައެއް ހެޔޮއެދޭ އަމިއްލަ ފަރާތްތަކުންވެސް ގަދަ 3 ބައިވެރިންނަށް ބޮޑެތި އިނާމްތަކެއް ހުށައަޅާފައިވެއެވެ. ގަދަ ތިނެއްގައި ވާދަކުރާ 3 ބައިވެރިންނަށްވެސް މިރޭގެ ޝޯވ ވެގެންދާނީ އައިޑަލްގެ މި ދަތުރުގައި އެމީހުންނަށް ކުރިމަތިވާނެ އެންމެ ފަހު އިމްތިހާނަށެވެ. ޖަޖުންނާއި ބެލުންތެރިންގެ ނިންމުން މިރޭ އިޢުލާން ކުރާއިރު، މިއިން ކޮންމެ ބައިވެރިއެއްގެވެސް އުއްމީދަކަށް ވާނީ އައިޑަލްގެ ފަހުރުވެރި ޓައިޓަލް ހޯދުމެވެ. ނަމަވެސް ނަތީޖާ ކޮންމެ ފަދަ ގޮތަކަށްވެސް ނިކުމެދާނެކަން މި ތިން ބައިވެރިންވެސް އަދި އެ ބައިވެރިންގެ ސަޕޯޓަރުންވެސް ޤަބޫލުކުރަން ޖެހޭނެއެވެ.

މި ތިން ބައިވެރިންވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތި ކުރި މަސައްކަތުގެ ފޮނި މީރުކަން މިރޭ ލިބޭއިރު، އައިޑަލް ޓީމާއި ޕީ.އެސް.އެމްގެ އުއްމީދަކަށްވެސް ވާނީ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް، އައިޑަލްގެ މި ޕްލެޓްފޯމުން ދަސްވި އެއްޗެއްގެ ބޭނުން ހިފާ، މިއުޒިކީ ކެރިއަރުގައި އައު އުސްމިންތަކަކަށް ވާސިލްވުމަށް މި ތިން ބައިވެރިންވެސް މަސައްކަތް ކުރުމެވެ.