މުނިފޫހިފިލުވުން

އައިޑަލްގެ ގަދަ 3 ބައިވެރިންނަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ފަހުރުވެރި ޓައިޓަލް ހާސިލްކުރާ ބައިވެރިއަކު ކަނޑައެޅުމަށް ބެލުންތެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިފަހަރުގެ ގްރޭންޑް ފިނާލޭގައި ވާދަކުރާ ގަދަ 3 ބައިވެރިންކަމުގައިވާ މުޙައްމަދު ތަސްނީމް، ޝަމްވީލް މުޙައްމަދު އަދި ޙަމޫދު އަޙްމަދުގެ ހިތްގައިމު ހުށައެޅުންތަކެއް މިރޭ ފެނިގެންގޮސްފައިވާއިރު، މިއީ މި 3 ބައިވެރިންނަށްވެސް އެ ބައިވެރިންގެ ޖާދޫގައި ޖައްސައި ޓީވީ ބަލާ މީހުންނާއި ޖަޖުންގެ ހިތް އަތުލުމަށް ލިބޭ އެންމެ ފަހުގެ ފުރުޞަތެވެ. މިރޭގެ ޝޯވއިން ކުރި ހޯދާނީ ކޮން ބައިވެރިއެއް ކަމާމެދު އާއްމުންގެ ހިތުގައި ސުވާލު އުފެދިފައިވާއިރު، ގަދަ 3 ބައިވެރިންގެ ތެރެއިން ބެލުންތެރިން އެންމެ ސަޕޯޓްކުރާ އަދި އައިޑަލްގެ ޓައިޓަލް އެ ބައިވެރިއަކަށް ދޭން އެންމެ ބޭނުންވާ ބައިވެރިއަކަށް ވޯޓްލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިރޭ ވަނީ ހުޅުވާލާފައެވެ. img:http://s2.psmnews.mv/images/660x400/14946158536085.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގަދަ 3 ބައިވެރިން ޖަޖުންނާއެކު - ފޮޓޯ: ޕީއެސްއެމް

އައިޑަލްގެ ކުރީގެ ޝޯވތަކާއި ހިލާފަށް މިފަހަރުގެ ޝޯވގައި ގަދަ 3 ބައިވެރިންނަށް އެސް.އެމް.އެސް ކުރުމަށް ހުޅުވާލި މުއްދަތު ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން މެންދުރުފަހު ތިނެއް ޖެހުމާއި ހަމައަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލި ނަމަވެސް، ގަދަ 3 ބައިވެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާދަމާ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށެވެ. މި 3 ބައިވެރިންނަށް ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްފައި، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. ބެލުންތެރިން މި ޝޯވއަށް ފޮނުވާ ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. tw:https://twitter.com/PSMnewsmv/status/863115720674103296

މި ރޭގެ ޝޯވއަށް ވަކި ތީމެއް ޚާއްސަކޮށްފައިނުވާއިރު، މިރޭގެ ޝޯވއިން ގަދަ 3 ބައިވެރިންގެ ފަރާތުންވެސް ފެނިގެންދިޔައީ އެ ބައިވެރިއަކަށް އެންމެ ކަމުދާ 2 ލަވައެވެ. ބައިވެރިންގެ ހުށައެޅުންތަކަށްފަހު، ޝޯވގެ 3 ޖަޖުން އެމީހުންގެ އެންމެ ފަހުގެ ނިންމުން ނިންމާފައިވާއިރު، ބެލުންތެރިން ފޮނުވާ ވޯޓާއެކު، އައިޑަލްގެ ފަހުރުވެރި ޓައިޓަލް ހައްޤުވާ ފަރާތް އިޢުލާން ކުރުން އޮންނާނީ އައިޑަލްގެ މި ސީޒަންގެ އެންމެ ފަހު ޝޯވކަމަށްވާ ގްރޭންޑް ފިނާލޭގައެވެ. ގްރޭންޑް ފިނާލޭ އޮންނާނީ މާދަމާ ރޭ 22:30 ގައެވެ. tw:https://twitter.com/Maldivian_Idol/status/863110666705485825