މުނިފޫހިފިލުވުން

ގަދަ 3 ބައިވެރިންގެ ފަހު ހުށަހެޅުން، ޓައިޓަލް ގެންދާނީ ކާކުބާ؟


މޯލްޑިވިއަން އައިޑޮލްގެ ޓައިޓަލް ހޯދުމަށް ޓޮޕް ތިނެއް ގަދަ ހިފުމަށް މިރޭ ނުކުންނާނެއެވެ.

މިއީ މި 3 ބައިވެރިންނަށްވެސް އެ ބައިވެރިންގެ ޖާދޫގައި ޖައްސައި ޓީވީ ބަލާ މީހުންނާއި ޖަޖުންގެ ހިތް އަތުލުމަށް ލިބޭނެ އެންމެ ފަހު ފުރުޞަތެވެ. މިރޭގެ ޝޯވްއިން ކުރި ހޯދާނީ ކާކުތޯ މިއީ މިހާރު އުފެދިފައިވާ ސުވާލެކެވެ. މި 3 ބައިވެރިންގެ އެންމެ ފަހުގެ ހުށައެޅުންތައް ބަލާލުމަށް މިރޭ 22:30 ޓީވީއެމަށް ޓިއުންކޮށްލުން މުހިއްމެވެ.

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ މުޅިން އާ އުސްމިންތަކަކަށް ގެންގޮސްދިނީ މޯލްޑިވިއަން އައިޑަލްއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މޯލްޑިވިއަން އައިޑަލް ވެފައިވަނީ މިއުޒިކްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެ، ގޮތެއް ހޯދިފައިނުވާ ހުނަރުވެރި އެތައް ޒުވާނުންތަކަކަށް ހުޅުވާލަދިން ދޮރަކަށެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކެއްގެ ކާމިޔާބީއަށްފަހު، މިހާރު މިވަނީ ދެވަނަ ސީޒަން ގެ ނިމުމާ ކައިރިވެފައެވެ.

އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭގައި ވާދަކުރާ ގަދަ 3 ބައިވެރިންކަމުގައިވާ ޙަމޫދު އަޙްމަދު، މުޙައްމަދު ތަސްނީމް، ޝަމްވީލް މުޙައްމަދު މިރޭ ނިކުންނާނީ އެމީހުންގެ އެންމެފަހުގެ ކުރިމަތިލުމަށެވެ. ސަބަބަކީ މި ހަފްތާގެ ޝޯވއާއެކު މި ތިން ބައިވެރިންގެވެސް މިއުޒިކީ ކެރިއަރުގެ ކުރިމަގު ކުރަހާދޭނެތީއެވެ. އައިޑަލްގެ ޓައިޓަލް ކަށަވަރުކުރުމަށްޓަކައި މި 3 ބައިވެރިންނަށްވެސް މިރޭގެ ޕަރފޯމެންސް ވާނީ ވަރަށްވެސް މުހިއްމު ޝޯވއަކަށެވެ. ވަރަށް ހިތްގައިމު އަދި އެހާމެ ފޯރިގަދަ ޝޯވތަކަކަށްފަހު، އައިޑަލް ސީޒަން ދޭއްގެ ގާލާ ރައުންޑުގެ ހުރިހާ ޝޯވއެއް ނިމި، މިހާރު މިއޮތީ ބެލުންތެރިންވެސް އަދި ބައިވެރިންވެސް އެންމެ އިންތިޒާރުކުރާ ވަގުތު ކައިރިވެފައެވެ. 

ގްރޭންޑް ފިނާލޭގައި ވާދަކުރާ ގަދަ 3 ބައިވެރިންނެކޭ އެއްފަދައިން މުޅި އައިޑަލްގެ ޓީމުންވެސް މި ސީޒަންގެ ފަހު ޝޯވއަށް އަންނަނީ ބޮޑެތި ތައްޔާރީތަކެއްވަމުންނެވެ. ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭއަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި އައިޑަލްގެ ޕްރޮޖެކްޓް ހެޑް އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، ސީޒަން އެކެކޭ އެއްފަދައިން، މިފަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭގައިވެސް ތަފާތު ގިނަ ކަންތައްތަކެއް ފެންނާނެކަމަށެވެ. އެގޮތުން މިފަހަރުގެ ގްރޭންޑް ފިނާލޭގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފުންނާބު އުސް ފަންނާނުންގެ އިތުރުން، ދިވެހިންގެ އަމިއްލަ ރަހަތައް ޕްރޮމޯޓްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ޝާޔަން ވިދާޅުވިއެވެ. އަދި މިފަހަރުގެ ޝޯވއިންވެސް ގިނަ ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް ޝާޔަން ވިދާޅުވިއެވެ.

"މި ޝޯވ ރާއްޖެއަށް ގެނެއުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރާއްޖޭގައި ތިބި ހުނަރުވެރި އާޓިސްޓުންގެ ހުނަރުތައް އިންޓަރނޭޝަނަލީ ދައްކާލުން. މިފަހަރުގެ ގްރޭންޑް ފިނާލޭގައި އަޅުގަނޑުމެން ވިސްނީ ބޭރުގެ އާޓިސްޓެއް ގެނެސްގެން، ޕްރޮމޯޓްކުރުމުގެ ބަދަލުގައި، ރާއްޖޭގައި ހުރި ޓެލެންޓްސްތައް އިތުރަށް ޕްރޮމޯޓްކުރުން. އެހެންވީމަ ރާއްޖޭގައި ތިބި ކުޅަދާނަ ފަންނާނުންނާއެކު ވަރަށްވެސް ގްރޭންޑް ޕަރފޯމެންސްތަކެއް މިފަހަރު ފެނިގެންދާނެ" ޝާޔަން ވިދާޅުވިއެވެ. 

އައިޑަލްގެ ފުރަތަމަ ސީޒަނެކޭ އެއްގޮތަށް މިފަހަރުގެ ގްރޭންޑް ފިނާލޭގައި ވާދަކުރާ ގަދަ 3 ބައިވެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު އިތުރުކޮށްފައިވާކަން ޝާޔަން ފާހަގަކުރެއްވިއެވެ.

"ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިންނަށްވެސް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 ޖަހަންދެން. ކުރިން މި ފުރުޞަތު އޮންނަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3 ޖަހަންދެން. ވަގުތު އިތުރު މިކުރީ އައިޑަލްގެ ޓައިޓަލްއަކަށް ހަދަން މި 3 ކުދިންގެ ތެރެއިންވެސް އޯޑިއަންސް ބޭނުންވަނީ ކޮން ކުއްޖެތޯ ކަނޑައެޅުމަށް ދިން ފުރުޞަތެއް" ޝާޔަން ވިދާޅުވިއެވެ. 

އައިޑަލްގައި މިހާރު ވާދަކުރާ 3 ބައިވެރިންގެވެސް ފައިނަލް ޕަރފޯމެންސް ގޮތުގައި ފެންނާނީ ކޮންމެ ބައިވެރިއަކުވެސް އެ ބައިވެރިއަކު އަމިއްލައަށް ހޮވާފައިވާ ލަވަތަކެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ޕީ.އެސް.އެމްގެ ފަރާތުން ދުއިސައްތަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ޝޯވގެ ސްޕޮންސަރުންނާއި ބައެއް ހެޔޮއެދޭ އަމިއްލަ ފަރާތްތަކުންވެސް ޓައިޓަލް ހޯދާ ފަރާތަކަށް ބޮޑެތި އިނާމްތަކެއް ވަނީ ހުށައަޅާފައެވެ. 

މިފަހަރުގެ ސީޒަންގެ ޓައިޓަލް ހޯދާ ފަރާތް އިޢުލާންކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ އެންމެ ފަހު ޝޯވކަމުގައިވާ ގްރޭންޑް ފިނާލޭގައެވެ.