ޗައިނާގެ ހެއިލޮންގ ޖިއާންގ ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސްގެ ވައިސް ޗެއަރ، ފޫ ފެންގްޗުންގ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދާ ބައްދަލުކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިހާރު ރާއްޖެއަށް ކުރައްވަމުންގެންވާ ދަތުރުފުޅުގައި އެކަމަނާ މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވީ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެގޭގައެވެ. މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވައިސް ޗެއަރ ފޫ ފެންގްޗުންގގެ މިދަތުރުފުޅުގެ ސަބަބުން މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ތަރައްޤީގެ މަގުގައި ވެދެއްވަމުން ގެންދަވާ މަތިވެރި އެހީތެރިކަން ފާހަގަކުރައްވައި، މަޖިލިސް ރައީސް ވަނީ އެކަމަށްޓަކައި ޗައިނާ ސަރުކާރަށާއި ޗައިނާގެ އެކުވެރި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ފޫ ފެންގްޗުންގ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގައި ހެއިލޮންގް ޖިއާންގ ޕްރޮވިންސްއާއި ރާއްޖެއާދެމެދު އެއްބާރުލެވިގެން ކުރެވިދާނެ މުހިންމު ކަންތައްތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އަދި އޭނާގެ މިދަތުރުފުޅުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާއި ޗައިނާގެ ހެއިލޮންގް ޖިއާންގ ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ފޫ ފެންގްޗުންގ ވަނީ ދެއްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މެޑަމް ފޫ ފެންގްޗުންގގެ މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިމަހުގެ 10 އިން 12 އަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.